ހަގީގީ މާނާގައި ކައުންސިލް ހިންގުމުގެ ފުރުސަތު ދޭނަން: ޑރ. މުއިއްޒު

ހަގީގީ މާނާގައި ކައުންސިލް ހިންގުމުގެ ފުރުސަތު ދޭނަން: ޑރ. މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2023 11:40
0

ހަގީގީ މާނާގައި ކައުންސިލްތައް ހިންގުމުގެ ފުރުސަތު ދެއްވާނެ ކަމަށް މާލެ ސިޓީ ކަންސިލްގެ މޭޔަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ޒިންމާތައް ނަރީޝްއާއި ހަވާލު ކުރައްވާ ޤައުމީ ޒިންމާތަކުގެ މަސްއޫލިއްޔަތާއި ހަވާލު ވުމުގެ މަސައްކަތަށް ހުސްވެ ވަޑައިގެންނެވުމުގެ ކުރިން މިއަދު މާލެ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިޓީ ކައުންސިލަށް މި ސަރުކާރުގައި ނުދީ ހުރި ހުއްދަތައް ދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ކައުންސިލުތަކަށް އެގޮތުން ހުރި ދަތިތައް ވެސް ހައްލުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަގީގީ މާނާގައި ކައުންސިލްތައް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ މާލެ ސިޓީ ކައުސިލަށްވެސް މިހެންހުރި ހުރިހާ ކަމެއް ކުރެވިގެންދާނެ ދުވަސްތަކެއް. އަޅުގަނޑު އެދެމީ މިހާރު އަޅުގަނޑުމެން މިދޭ ޚިދުމަތްތައްވެސް އެއީ މިސާލަކަށް މަގު ފާރަވެރިންގެ ޚިދުމަތް ވިޔަސް، ކުނިކެހުމާއި ވޭސްޓް މެނޭޖްމަންޓުގެ ހުރިހާ ޚިދުމަތެއްވެސް އަޅުގަނޑުމެން އަލަށް ފެށި ހުރިހާ ކަމެއްވެސް ރަނގަޅަށް ހިންގޭނެ ގޮތެއްވެ ސަރުކާރާއި ގުޅިގެން ކަންކަން ވެގެންދާނެ.

– ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ޕްލޭން ކުރި ގިނަ ކަންކަމަށް ސަރުކާރުން ހުރަސް އެޅިކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ހަގީގީ މާނާގައި ލާމަރުކަޒީ ނިޒާމު ހިނެގުމަށް މިސަރުކާރުން ވަރަށް ބޮޑަށް ހުރަސް އެޅުއްވިކަމަށެވެ. އެގޮތުން މާލޭގެ މަގު ހެދުމުގެ މަޝްރޫއުތަކާއި ޕާކިން މައްސަލަތަކާއި އެނޫންވެސް ބައެއް ކަންކަމަށް ހުރަސް އެޅުއްވިކަމަށެވެ.

މިކަންކަން ކުރެވޭނެ މަގު ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ބޮޑު އެއްބާރުލެއްވުމާއިއެކު ކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލް މެމްބަރުންނަށް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.