ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުއާއި ނާއިބު ރައީސް އީވާ މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ގޮވާލައްވައިފިއެވެ.
މިރޭ ކުރިޔަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ދެކަމެއް ފާހަގަކުރައްވަން ބޭނުންވާ ކަމުގައެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ޝަރީފް ވިދާޅުވީ އޭނާ ހުންނެވީ ބަރުލަމާނީ ނޫން ގޮތަކަށް ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށް ޝަރީފް ގޮވާލެއްވީ ނަޝީދު ނޫން ގޮތެއް ހޯދުމަށެވެ.
އަދި ޝަރީފް ވިދާޅުވީ ނަޝީދުއާއި އީވާ މަޖިލިސް ރިޔާސަތުން ދުރުކޮށް، މަޖިލިހުގެ ބާރު ކުރިޔަށް އޮތް 7 މަސްދުވަހަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ގެނައުމަށް ބޭނުންވާކަމަށެވެ.
މިރޭ ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވާހަކަ ދައްކަވާފައިވަނީ ބަރުލަމާނީ ނިޒާމާއި ދެކޮޅަށެވެ. މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް އެބުރި ދިއުމަށް ތާއީދު ނުކުރައްވާނެ ކަމަށާއި، ރިޔާސީ ނިޒާމު ދެމެހެއްޓެވުމަށް އަމަލީގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 20 ގައެވެ. އެ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
މި ގަރާރުގައި ގޮވައިލާފައި ވަނީ، މި މަހުގެ 30 ގެ ކުރިން ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓަކަށް ދާން މަޖިލީހުން ނިންމައި، އެކަމުގެ އިންތިޒާމު ހަމަޖައްސައި އިލެކްޝަންސް ކޮމިޝަންގައި އެދުމަށް މަޖިލީހުން އިގްރާރުވުމަށެވެ.
އެ ގަރާރު ފާސްކޮށްފައިވީ ނަމަވެސް، ރައްޔިތުން ކައިރިން އަހަންވީ ސީދާ ސުވާލު ސާފުކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރައްޔިތުންގެ މަޖިލިހުގައި އެދިފައެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓާއި ރައްޔިތުން ހޭލުންތެރި ކުރުވަން އިތުރު ވަގުތު ދޭން ކޮމިޝަނުން އެދިފައިވެއެވެ. އެގޮތަށް އެދިފައި އޮއްވައި އީސީން މިއަދު ބުނީ ނިޒާމީ ވޯޓާ ގުޅޭ ގޮތުން މި މަހު ވޯޓަށް އެހުމުގެ އެއްވެސް ފުރުސަތެއް މިހާރު ނެތް ކަމަށެވެ.
އިންތިހާބު ނާކާމިޔާބު ވުމަށްފަހު، އެމްޑީޕީގެ އިސް ބޭފުޅުން މިހާރު ގެންދަވަނީ ނިޒާމު ބަދަލު ކުރަން ނުފެންނަ ކަމަށް ވިދާޅުވަމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވިދާޅުވީ އެމަނިކުފާނު ވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ