އިމްރާން ރޭގެ ހަފްލާގައި ވާހަކަ ދައްކަވަނީ.

އިލްމުވެރިންގެ މަޖިލިހުގެ މަސައްކަތް ބޮޑު ތަނުން ފުޅާ ކުރާނަން: އިމްރާން

އިލްމުވެރިންގެ މަޖިލިހުގެ މަސައްކަތް ބޮޑު ތަނުން ފުޅާ ކުރާނަން: އިމްރާން

ކުރިއަށް އޮތް ދުވަސްތަކުގައި އިލްމުވެރިންގެ މަޖިލިހުގެ މަސައްކަތް ބޮޑު ތަނުން ފުޅާ ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އަދާލަތު ޕާޓީގެ ފަރާތުން ހަރަކާތްތެރިވި ޓީމުތަކަށް ބޭއްވި ހާއްސަ ހަފްލާއެއް ރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަފްލާގައި މާލެ ސަރަހައްދުގެ ޓީމުތަކާއި އަތޮޅު ތެރޭގެ ޓީމުތައް އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.

އަދާލާތު ޕާޓީން ބުނީ މި ހަފްލާގައި ޓީމުތަކުން ކުރި މަސައްކަތަށް ޝުކުރު އަދާކުރުމުގެ އިތުރުން ޕާޓީގެ މަސައްކަތް ކުރިއަށް ރާވައި، ތަރުތީބު ކުރެވޭނެ ގޮތް ހިއްސާ ކުރެވިފައިވާ ކަމަށެވެ.

އެ ބައްދަލުވުމަށް ފަހު އެކްސްގައި އިމްރާން ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާ އެކު އަދާލަތު ޕާޓީގެ މަގްސަދުތައް ހާސިލް ކުރުމުގެ މަސައްކަތް ޕާޓީގެ ގުނަވަންތަކުން ހިތްވަރާއެކު ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. ވަކިން ހާއްސަކޮށް އިލްމުވެރިންގެ މަޖިލިހުގެ މަސައްކަތް ބޮޑު ތަނުން ފުޅާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ކެމްޕެއިން ޓީމުތައް މަޑު ޖައްސާނުލުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވެސް ވަނީ ގޮވާލައްވައިފައެވެ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ކެމްޕޭނު ޓީމުތައް މަޑުޖައްސާލަން ނުޖެހޭ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ ޕާޓީން މަސައްކަތް ކުރި ރަށްރަށުގައި ޖުމްލަގޮތެއްގައި ނަތީޖާ ރަނގަޅު ކަމަށް ވިދާޅުވިއެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން މަސައްކަތް ކުރީ އެމްޑީޕީއާ އެކުގައި ކޯލިޝަނެއްގެ ތެރެއިންނެވެ.

ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *