މިސަރުކާރުގެ މައްޗަށް އެހެން ބައެއްގެ ބާރު އޮތް ނަމަވެސް ދެން އުފެދޭ ވެރިކަމުގައި އެއްވެސް ބައެއްގެ ބާރެއް ނުފޫޒެއް ނެތްކަން ކަށަވަރުވާނެ ވެރިކަމެއް ޤާއިމް ކޮށް ދެއްވާނެކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ދިވެހި ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގައި މުސްތަގުބަލު އުޖާލާ ކުރުމަށާއި ދަރިންގެ ހައްގުގައި މިނިވަންކަން ޔަގީން ކުރުމަށްޓަކައި ރައްޔިތުން ކުރެއްވި ގައުމި މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.
މުއިއްޒު ވިދާޅުވީ މިސަރުކާރުން ވެރިކަން ކުރާ ގޮތަށް ވަކި ބައެއްގެ ނުފޫޒާއި ބާރު ސަރުކާރުގެ މައްޗަށް އޮވެގެން ކުރާ ވެރިކަމެއް ނުކުރައްވާނެކަމަށެވެ. ވެރިކަން ކުރައްވާނީ ރައްޔިތުން ދެއްވި މަޤާމުގައި ރައްޔިތުން އެދޭ ގޮތަށް ވަކި ބައެއްގެ ނުފޫޒެއްނެތި ރައްޔިތުން އެދޭ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިސަރުކާރުގަ ވާހެނެއް އެހެން ބައެއްގެ އަތްމަތީގައި ބާރު އޮންނަ ސަރުކާރެއް ނޫން އަޅުގަނޑު ހިންގާނީ. އަޅުގަނޑުމެ މައްޗަށް ބާރެއް ނުހިިނގާނެ އެއްވެސް ބައެއްގެ. ރައްޔިތުންގެ ބާރު އެކަނި ހިނގާނީ. ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރީ. އަޅުގަނޑަކީ ރައްޔިތުންގެ ޚާދިމެއް. އެހެން ވީމާ ރައްޔިތުން އަތުގަ ބާރު އޮތީ. ރައްޔިތުން އަތުގައި އޮތީ އަޅުގަނޑާއިމެދު ގޮތް ނިންމުމުގެ ބާރު. އެނޫން ގޮތަކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން.
– ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެން އުކުލަވާ ކެބިނެޓް ވާނީ އެމަނިކުފާނަށް ފުރިހަމަ އިިތުރުބާރު އޮތް ކެބިނެޓަކަށް ކަމަށެވެ. ކެބިނެޓަށް އައްޔަން ކުރައްވާ ބޭފުޅުން ވާނީ ވަރަށް ނަޒާހަތްތެރި އަދި ޚިދުމުގައި 24 ގަޑިއިރު ތިބެވޭ ވަރުގެ ބަޔަކަށް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑަށް ފުރިހަމަ އިތުބާރު އެއިން ކޮންމެ ބޭފުޅަކަށްވެސް އޮތް ބޭފުޅުން އެމަޤާމުތަކަށް ލާނީ. އަޅުގަނޑު ބުނާ ގޮތަށް ކަންކުރާނެ ބޭފުޅުން. އަޅުގަނޑު ފަހުބަސް އެއިން ކޮންމެ ބޭފުޅަކަށް ބުނާނެ. އެވަރު ބޭފުޅުން އަޅުގަނޑު ކޮންމެ މަޤާމަކަށްވެސް ލާނީ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ޓްރާސްސިޝަނަލް ކަންކަމަށް އުފައްދާފައިވާ ކޮމެޓީގެ ޗެއާ އަކީ އަބްދުއްރަހީމެވެ. ސަރުކާރުން ވަނީ ސަރުކާރު ބަދަލުވުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.