އެގާރަ އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން މިހާރުވަނީ ފަށާފައެވެ. އެގޮތުން މިއަދު ހަވީރު ވަގުތެއްގައި ރައީސް ޔާމީން ގެއަށް ބަދަލުމުރާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިއްޔެ ބޭވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދެއްވުމަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކިބައިން އެދިވަޑައިގެންފައެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލު ކުރުމަކީ ރައީސް ޞާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ. މިވަގުތުގެ ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތްކަމަށެވެ.
އިންތިޚާބުގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނެކަމަށް ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއްކަމަށް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.