އިއްޔެގެ ނިންމުމާމެދު މުޅިރާއްޖެ ހިތާމަކުރާނެ ކަމުގައި އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މައްޗަށް ކުރި ހޯއްދެވޭ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒުގެ މިކާމިޔާބީއާއި ގުޅިގެން ގިނަ ބަޔަކު މަރުހަބާ ދަންނަވަމުންދާ އިރު ރޮޒޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހި ރައްޔިތުން އިއްޔެ ނިންމި ނިންމުމާއިމެދު ލަސްތަކެއް ނުވެ ހިތާމަ ކުރާނެކަމަށެވެ.
ރައިސް އިބޫ ވަރުގެ އޯގާތެރި ހެޔޮވެރިއެއް މި ގައުމު ނުދެކޭ ކަމަށް މިރާއްޖޭގެ ރައްޔިތުން އެއްއަޑަކުން ކިޔާދުވަސް މާލަހެއް ނުވާނެ.
ހުރިހާ ރައްޔިތުންނާ އަޅާލާ، ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނަށްޓަކާ ވެރިކަން ކޮއްދެއްވި ހެޔޮ ރައީސެއް. އިއްޔެގެ ނިންމުމާމެދު މުޅިރާއްޖެ ހިތާމަކުރާނެ.
– ރޮޒޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 127586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05 އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95 އެވެ.
މުއިއްޒު ރައީސް ކަމަށް އިންތިޚާބު ވުމުން ރައީސް ޞާލިހުވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާފައެވެ. އަދި އިންތިޚާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ. އެމަނިކުފާނާއެކު މަސައްކަތްކުރެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށާއި އެމަނިކުފާނަށް ވޯޓުދެއްވީ ހުރިހާ ރައްޔިތުންނަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ