މިއަދު ކުރިއަށްދާ ވޯޓުގައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
އިންތިޚާބުގެ ގަވާއިދު ބުނާގޮތުން ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމަކީ މަނާކަމެކެވެ. މިހާދިސާ ހިނގީ ފުވައްމުލަކުގައެވެ. ފުލުހުން ވިދާޅުވީ ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި ވާކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރޭގައި އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އުމުރުން 35 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނެވެ. މި އުމުރުފުރާގެ 143،609 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
ދެން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. މި އުމުރު ފުރާއިން ޖުމްލަ 116،047 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އަދި 65 އަހަރުން މަތީގެ 23148 މީހަކަށް މި ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުއިރު، ވޯޓުލާފައިވަނީ އޭގެ ތެރެއިން %79.85 މީހުންނެވެ. އެއީ 225،486 މީހުންނެވެ.
ކޮމެންޓު ފޮނުވާ