ކޯވިޑް-19 އާއި އެކު މިސަރުކާރު ބަލިކަށިވެ، ރައްޔިތުންގެ އިތުބާރު ގެއްލި މުޅި ދައުލަތް ވަނީ ކޯވިޑާއި އެކީ އެޑްމިޓް ކުރެވިފައިކަމަށް ޕީޕީއެމްގެ ނައިބް ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މާލެ ބަންދުގައި ތިބެ، ލ.މާވަށުގައި މިރޭ ވީޑިއޯ މެދުވެރިކޮށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރުގެ ތެރެއިން ފެންނަނީ އެއްވެސް މަަސއްކަތެއް، ތަރައްޤީގެ އެއްވެސް ކުލަވަރެއްނެތި ހުއްޓިފައިވާ މަންޒަރުކަމަށެވެ. ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރެވިގެން ނުދާއިރު، މިސަރުކާރުގެ ތެރެއިން ފެނިގެންދަނީ ބައި އަޅައި ދައުލަތުން ބޮޑެތި ވައްކަންތައް ކުރަމުންދާ މަންޒަރު ކަމަށެވެ.
މިއަދު ރަށު ބަންދުގައި، މާލެ ބަންދުގައި ތިބެ ޖަލްސާ ބާއްވަން ޖެހިފައިވަނީ ސަރުކާރުން އިދިކޮޅު ފަރާތްތަކާއިމެދު ބިރުގަންނާތީކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައްޔިތުންގެ ހައްގުގައި ހުއްޓުމެއްނެތި މިހާލަތުގައި އިދިކޮޅުން ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގަނެ، ރައްޔިތުންގެ ތާއީދު އިތުރުވަމުންދާކަމީ މިސަރުކާރަށް ހަޖަމް ކުރެވޭ ކަމެއްނޫންކަމަށެވެ. މިއަދު ރައްޔިތުންނަށް އެންމެ އިރަކުވެސް ކާނެ ގޮތެއް ނެތި ނިކަމެތި ހާލުގައި ތިބި އިރު މިސަރުކާރަށް އެކަން އިހުސާސު ނުކުރެވޭކަމީ އޮތް ކަންބޮޑުވުމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަޅުގަނޑު ދަންނަވާނީ މިސަރުކާރު އެކަންޏެއްނޫނޭ އެޑްމިޓްވެފައިވަނީ. ކޯވިޑާއިއެކީ މުޅި ދައުލަތް މިވަނީ އެޑްމިޓްވެފަ. ކުރަމުންދަނީ ވައްކަން. އެޗްޕީއޭއަކީ މިއަދު އެމްޑީޕީގެ ގޮތްޕަކަށް ވަނީ ވެފަ. އެތާތިއްބެވި އިޚުލާސްތެރި ޚިދުމަތްތެރިންވެސް މިއަދު އެޗްޕީއޭއިން ނިންމާ ނިންމުންތަކާއިމެދު ކަންބޮޑުވޭ.
– ޝިޔާމް ވިދާޅުވިއެވެ.
މިއަދު ސަރުކާރުން ކޯވިޑްގެ ނަން ބޭނުންކޮށްގެން ބޮޑެތި ވައްކަންތަކެއް ކުރަމުންދާއިރު އެޖާގަ ސަރުކާރަށް ދެނީ ދަރުބާރުގޭގެ ތެރޭގައި އޮތް އެޗްޕީއޭ ކިޔާ އެމްޑީޕީގެ ގޮތްޕަކުން ކަމުގައި ޝިޔާމް ވިދާޅުވިއެވެ. އެޗްޕީއޭއާއި ތިއްބެވި އިޚުލާސްތެރި ހިދުމަތްތެރިންވެސް މިއަދު އެޗްޕީއޭ ހިންގަންތިއްބެވި ބޭފުޅުންގެ އަމަލުތަަކާއިމެދު ކަންބޮޑުވެ އިންތިހާޔަށް މާޔޫސްވެފައިވާކަމަށެވެ.
ޝިޔާމް ވިދާޅުވީ މިކަންކަން ބަދަލުކޮށް ރާއްޖެއަށް ހެޔޮ ބަދަލެއް ގެނެވޭނީ މިސަރުކާރު ވޯޓުން ބަލިކޮށްގެން ކަމަށެވެ. އެކަންކުރުމަށް ލިބޭ އެންނެ ބޮޑު ފުރުސަތަކީ ކައުންސިލް އިންތިޚާބު ކަމަށާއި، މިއިންތިޚާބަކީ ރައްޔިތުންނަށް މިސަރުކާރަށް ނޫނެކޭ ބުނަން ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ