އެމްޑީޕީން ވެރިކަމާއި ހަވާލުވާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަމާއި، ސިޔާސަތާއި އިސްތިގުލާލާއި، ދިވެހިންގެ އިޤްތިޞާދު އެތައް ގުނަޔަކަށް ވެއްޓި ޤައުމު ބިކަހާލުގައި ޖައްސާ ކަމަށާއި، މިވެރިކަން ނިމެމުންދާއިރުވެސް ފެންނަނީ އެހާލަތު ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭން މެނޭޖަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ ދިވެހީން ގައުމެއްގެ ގޮތުގައި ކުރިއަރަމުން އައިސް، 2018 ވަނަ އަހަރަށް އަލްވަދާއުކީ އިރު، ދިވެހީން ތިބީ އިންގިލާބީ ބަދަލެއްގެ ބިންގަލުގެ މަތީގައި ކަމަށެވެ. ނަމަވެސް، 2023 ވަނަ އަހަރު ނިމުމަކަށް އައި އިރު، އެ ބިންގާ މުޅިން ފުނޑުފުނޑު ވެފައިވާކަމަށެވެ. އެއްވެސް ފިޔަވަޅެއް ކުރިޔަށް ނޭޅި، ހުރިހާ ގޮތަކުން ފަހަތަށް ސޮއްސާލައިފައިވާކަމީ މިއަދު ފެންނަ ހަގީގަތްކަމަށް އަމީން ވިދާޅުވިއެވެ.
ސިޔާސީ މާޒީއަށް ބަލާއިރު، އެމް.ޑީ.ޕީ ވެރިކަމުގައި އޮންނަ ކޮންމެ ދައުރެއްގައި، މުޅި ގައުމު ފަހަތަށް ސޮއްސާލާ. އިޤްތިޞާދީ ގޮތުން އިނދަޖެހޭ. ޢުމްރާނީ ގޮތުން ވީރާނާވޭ. މުއައްސަސާތައް ބަލިކަށިވޭ. އިޖުތިމާޢީ ގޮތުން ހީނަރުވޭ. މި ހުރިހާ ކަމަކަށްވުރެ ބޮޑަށް، މުޅި ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ލޮޅުންއަރާ.
– އަމީން ވިދާޅުވިއެވެ.
ނިމެމުންމިދާ ދައުރުގެ ހިތި ހަގީގަތަކީވެސް އެއީކަން ފާހަގަކޮށް އަމީން ވިދާޅުވީ ބިނާކުރެވުނު މުއައްސަސާތަކާއި، އިންފްރާސްޓްރަކްޗަރ ވަނީ ވީރާނާވެފައި ކަމަށެވެ. ދިވެހި ދައުލަތުގެ މުޅި ރައުސްމާލު ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި އޮތްއިރު އިޤްތިޞާދީ މިނިވަންކަމާއި ސިޔާދަތީ މުސްތަޤިއްލުކަން އެކީ ގެއްލިފައިވާކަމަށް އަމީން ވިދާޅުވިއެވެ. ދިވެހީންގެ ކަންކަން ދިވެހީން އަމިއްލައަށް ނިންމުމުގެ ބާރު ދޫވެ، އަލިވިލެމުން މިދާ އާ ދައުރާ އެކު، މި ހުރިހާ ދިމާލަކުން ސުމަކުން ފަށަންޖެހުމަކީ ވަރަށް ގާތްކަމެއްކަމަށް އަމީން ވިދާޅުވިއެވެ.
މުޅި ގައުމު މި ގޮތަށް، ފަހަތަށް ސޮހިގެންދާން ދޫކޮށްލުމަކަށް ދިވެހީން ބޭނުމެއްނުވާކަން ފާހަގަކޮށް އަމީން ވިދާޅުވީ، ދިވެހީންގެރާއްޖެ، އޭގެ ހަގީގީ މަގާމަށް އުފުލާލުމުގެ އަޒުމާއި އުއްމީދާއި ހިތްވަރު ދިވެހިންގެ ކިބައިގައި ހުންނާނެ ކަމަށެވެ. ޑރ. މުޢިއްޒުއާއި ސެމްބެގެ ސަރުކާރެއްގައި ދިވެހީންގެރާއްޖެ ދިވެހީންނަށް އިޢާދަކޮށްދޭނެ ކަމަށާއި، ދިވެހީންގެރާއްޖެ ދިވެހި ކޮންމެ ދަރިއަކަށްޓަކައި ބިނާކޮށްދޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް އަމީން ވިިދާޅުވިއެވެ.
އަދި އެންމެން އެކީ ނުކުމެ، 30 ސެޕްޓެމްބަރު 2023 ވަނަ ދުވަހު، ކެންޑިޑޭޓް ނަންބަރު 4 އަށް ދެއްވާ ވޯޓުން އެކަން ފަށުމަށް އަމީން ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލާފައެވެ.