އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަދާލަތު ޕާޓީގެ ހުޅުމާލެ ގޮފިން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރި ވާހަކައަކީ ދޮގެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަދާލަތު ޕާޓީގެ ހުޅުމާލެ ގޮފިން އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކޮށްފި ކަމަށް ބުނެ ފަތުރަމުންދާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓުގެ ކެމްޕެއިންގައި އަދާލަތު ޕާޓީގެ ނަމާއި ކުލަ އާއި ލޯގޯ ތަކުރާރުކޮށް ބޭނުން ކުރުމަކީ ކުށްވެރި ކުރާ ކަމަށް އެ ޕާޓީން ބުންޏެވެ.
އަދާލަތު ޕާޓީން އެގޮތަށް ބުނި ނަމަވެސް އެ ޕާޓީގެ ހުޅުމާލޭ ގޮފީގެ ފޭސްބުކު ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ގޮފީގެ މެޖޯރިޓީ މެންބަރުން ޑރ. މުޢިއްޒަށް ތާއިދުކުރާން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. އަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފިން މި ނިންމުން ނިންމާފައިވާކަން އިއުލާން ކޮށްފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނުނު އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެ ޕާޓީން ހެދި ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ފާސްކޮށްފައެވެ.
އެންޑީއޭއިން އެފަދައިން ނިންމި ނަމަވެސް އަދާލަތު ޕާޓީން ރޭ ކުރި ޓްވީޓެއްގައި ވަނީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުންމަތީ އެ ޕާޓީން ސާބިތުކަމާއެކީ ދެމި އޮންނާނެ ކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ