މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އެމްޑީއޭ އިން އަނބުރާ ގެންދިއުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނުކުންނަވައި މެމްބަރުންނަށް ވަރުގަދަ މެސެޖެއް މިރޭ ދެއްވައިފިއެވެ.
އެމްޑީއޭ އިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެމްޑީއޭ އިން ހެދި ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމައިފައެވެ. އެމްޑީއޭގެ ކައުންސިލަށް އެކަން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.
އެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވިއެވެ.
ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް، ކުރި ހޯދާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީއޭގެ ނިންމުމަށް އިހްތިރާމް ކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
https://x.com/faya_i/status/1706759260884082858?s=20
އެމްޑީއޭ ނިންމުމަށް އިހްތިރާމް ކުރާ ހާލު، އެއްކޮށް މި ކެމްޕެއިންގައި ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ. ބަލިކޮށް ނުލެވުނު ހިތްވަރު. ގުޑުވާނުލެވުނު އަޒުމް. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" ފައްޔާޒް ވިދާޅުވިއެވެ.
ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، ފުރަތަމަ ބުރުގައި ވެގެން ދިޔަ ގޮތުން ދެވަނަ ބުރުގައި ރައީސް ސޯލިހަށް ކާމިޔާބު ނުވާނެ ކަމަށް %97 ކައުންސިލް މެމްބަރުން ގަބޫލު ކުރައްވާ ކަމަށެވެ.
އެންމެ ގިނަ ވޯޓާ އެކު، ދެ ވަނަ ބުރުގެ އިންތިހާބުގައި ވާދަކުރައްވަނީ މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.
ކޮމެންޓު ފޮނުވާ