މާލެއާއި، ހުޅުލެ ގުޅުވާލުމަށް ރައީސް ޢަބްދުﷲ ޔާމީން އެޅުއްވި ބުރިޖުގެ މަސައްކަތަށްވުރެ މާއަވަސް މުއްދަތެއްގެތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭނެކަމަށް ބެލެވޭކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މިސަރުކާރުން އަންނަނީ އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސަރުކާރުގެ 5 އަހަރު ނިމުމަކާއި ގާތްވިއިރުވެސް އެއްވެސް ރަށެއް ގުޅިފައިި ނުވާކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރިން ވިދާޅުވެފައިވަނީ ނިމުނު ޖުލައި މަހާއި ހަމައަށްދާއިރު މާލެ ވިލިމާލެ ގުޅާލެވޭނެކަމަށެވެ. ނަމަވެސް މަޝްރޫޢު ކުރިއަށްދާގޮތާމެދު އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އަދި އެއްވެސް ސަރަހައްދެއް ބްރިޖުން ގުޅާނުލެވެއެވެ.
މިސަރުކާރުގެ ބްރިޖު މަޝްރޫޢުއާއި ގުޅޭގޮތުން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފްު ވިދާޅުވީ، ތިލަމާލެ ބުރިޖުގެ ތަނބެއް ނުފެނިގެންކަމަށްބުނެ ހަޖޫޖަހާއިރު، ހަގީގަތަކީ ބުރިޖުގެ މުހިއްމު އަދި ބައިވަރު އެތައް މަސައްކަތެއް މިއަދުވެސް ކުރިއަށްދާކަންކަމަށެވެ. ގުޅިފަޅުގައި ކުރިއަށްދާ މަޝްރޫޢުގެ މަސައްކަތުގެ ފޮޓޯތަކާއެކު ކުރެއްވި ޓްވީޓްގައި މަހްލޫފް ވިދާޅުވީ، ތަނބުތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ ބުރިޖު ރާވާލެވޭ ވަރަށް ތައްޔާރަށް ކަމަށް ބެލެވޭކަމަށެވެ.
– މަހްލޫފް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ.
އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.
މި ބްރިޖު މަޝްރޫޢުއާއި ގުޅޭގޮތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ބްރިޖު އެޅި ސަރުކާރަކާއި، އަޅަން އުޅެ ނޭޅުނު ސަރުކާރެއް ރައްޔިތުންނަށް ފެނިފައިވާކަމަށެވެ.
މި މަޝްރޫއު ވެސް ހަމަ މަގަށް އަޅުވައިގެން ކުރިއަށް ގެންދަވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން. އެ މަޝްރޫއުން އުފާ ފާގަތިކަން ގެނެސްދީ އެ ބްރިޖު ވެސް ނިންމަދޭނީ އަޅުގަނޑުމެން،
– މުއިއްޒު ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ