އެމެރިކާގެ ރެސްލިންގ ތަރި ޖޯން ސީނާގެ އިންސްޓަގްރާމް އެކައުންޓުން ބޮލީވުޑްގެ ތަރި ރަންވީރް ސިންގ ގެ ފޮޓޯއެއް ޕޯސްޓް ކުރުމުން ގިނަބަޔަކަށް ހައިރާންކަން ލިބިއްޖެއެވެ. ބައެއް ސަޕޯޓަރުން ހީކުރީ ސީނާގެ އިންސްޓަގްރާމް އެކައުންޓް ހެކް ކުރީ ކަމަށެވެ.
14.6 މިލިއަން ފޮލޯވަރުން ތިބި ސީނާގެ ވެރިފައިޑް އިންސްޓަގްރާމް އެކައުންޓުން މީގެ އެއްދުވަސް ކުރިން ޕޯސްޓްކުރި ރަންވީރުގެ ފޮޓޯގައި އޭނާ ހުންނަނީ ފޭނަކާއެކު ސެލްފީއަކަށް ހުއްޓިގެނެވެ.
އެއްވެސް ކެޕްޝަނެއް ނެތި މި ފޮޓޯ އިންސްޓަގަރާމަށް ދޫކޮށްލުމުން ސީނާގެ ސަޕޯޓަރުން ވަނީ ތަފާތު މަޖާ ކޮމެންޓްތައް ކޮށްފައެވެ. އެކަކު ބުނެފައިވަނީ "ސީނާގެ އެކައުންޓް ހިންގަނީ ރަންވީރް ތަ" މިހެންނެވެ. އަނެއް މީހަކު ކޮށްފައިވާ ކޮމެންޓްގައި ބުނަނީ " އަހަރެންނަށް ހީވަނީ ސީނާގެ އައިޑީ ހެކްކޮށްފިހެން" މިހެންނެވެ.
މި ފޮޓޯއަށް ރަންވީރްވެސް ވަނީ ކޮމެންޓް ކޮށްފައެވެ. އޭނާ، ހިނިގަނޑެއްގެ އެމޯޖީ އަކާއެކު ޖަހާފައިވަނީ "ކުޗް ބީ" މިހެންނެވެ. އަދި ހަމައެއާއެކު ރަންވީރްގެ ގާތް ރަހްމަތްތެރިޔާ އަރްޖުން ކަޕޫރްވެސް ވަނީ މި ފޮޓޯއަށް ކޮމެންޓް ކޮށްފައެވެ. އަރްޖުން، އަލިފާން އެމޯޖީއަކާއެކު ޖަހާފައިވަނީ "ބާބާ، ބާބާ، ބާބާ" މިހެންނެވެ. ބާބާ އެއީ އާންމުކޮށް ރަންވީރަށް އަރްޖުން މުހާތަބުކުރާ ނަމެވެ.
އާންމުކޮށް މަޖާ ޕޯސްޓްތައް ކޮށްފައިހުރި ސީނާގެ އެކައުންޓުން ބޮލީވުޑްގެ ތަރިއެއްގެ ފޮޓޯ ޝެއަރކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ބޮލީވުޑްގެ ލިވިންގ ލެޖެންޑް އަމީތާބް ބައްޗަން އާއި އޭނާގެ ދަރިފުޅު އަބީޝެކްގެ ފޮޓޯއެއް ވެސް ސީނާ ވަނީ އޭނަގެ އެކައުންޓުގައި ހިއްސާކޮށްފައެވެ.
ހޮލީވުޑްގެ ބައެއް ފިލްމުތަކުންވެސް ފެނިފައިވާ ޖޯންސީނާ ދެން ޕޯސްޓްކޮށްފައިވާ ބޮލީވުޑްގެ ތަރިންގެ ތެރޭގައި މިއަހަރު ދަންޖެހިފައި ހުއްޓާ ފެނުނު ސުޝާންތު، އާއި މި އަހަރުތެރޭ ބޮލީވުޑުން ވަކިވެގެންދިޔަ އިރްފާން ޚާނާއި ރިޝީ ކަޕޫރް ވެސް ހިމެނެއެވެ. މިއިން އެއްވެސް ޕޯސްޓެއްގައި ކެޕްޝަނެއް ލިޔެފައި ނެތްކަންވެސް ފާހަގަވެއެވެ.