ތ. އަތޮޅުގެ ދެ ރަށެއްގައި މިސްކިތް ޢިމާރާތްކުރުމަށް ޙަވާލުކޮށްފި

ތ. އަތޮޅުގެ ދެ ރަށެއްގައި މިސްކިތް ޢިމާރާތްކުރުމަށް ޙަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2023 05:11
0

ތ. އަތޮޅުގެ ދެ ރަށެއްގައި މިސްކިތް ތަރައްޤީކުރުމަށް އިސްލާމިކް މިނިސްޓްރީން ބަޔަކާއި ޙަވާލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ކަނޑޫދޫއާއި އެ އަތޮޅު ވަންދޫގައި ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތ. ކަނޑޫދޫ މިސްކިތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. 11 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އެކުންފުންޏާއި މަސައްކަތް ޙަވާލުކޮށްފައިވަނީ އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ތ. ވަންދޫ މިސްކިތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މިސްކިތްވެސް އަހަރެއްގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވަނީ 9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ ދެ މިސްކިތްކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ. ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މި ދެ މިސްކިތަކީވެސް ޒަމާނީ ވައްޓަފާޅިއަށް ތަރައްޤީކުރާ މިސްކިތްތައްކަމަށް އެމިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްއާއި މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.