ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްގެ އަތޮޅުތަކުގެ ކޯޑިނޭޓަރުން، ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އެންޑޯޒް ކުރައްވައިފިއެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްއަށް ތިން ވަނަ ލިބުމާއެކު، އިންތިޚާބު ކާމިޔާބުކުރުމަށް، ދެވަނަ ބުރަށްވެސް ވަޑައިގެންނެވި ދެ ކެންޑިޑޭޓުންނަށްވެސް މުހިންމެވެ. މިއާއެކު ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ވަނީ ދަ ޑމޮކްރެޓްސްގެ ތާޢީދު ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ނަމަވެސް ދަ ޑިމޮކްރެޓްސްއިން ރަސްމީކޮށް ނިންމާފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ.
ދަ ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް އަންނަނީ ޑރ.މުޙައްމަދު މުޢިއްޒު އެންޑޯޒްކުރައްވަމުންނެވެ. އެގޮތުން އެޕާޓިގެ އަތޮޅުތަކުގެ ކޯޑިނޭޓަރުންނާއި، ޑރ.މުޢިއްޒުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފާ ބައްދަލުކުރައްވާ އެންޑޯޒްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ދަ ޑިމޮކްރެޓްސްއަށް ތިންވަނަ ލިބުނީ 15 ހާހަށްވުރެ ގިނަ ވޯޓާއެކުއެވެ. ދަ ޑިމޮކްރެޓްސްގެ ލީޑާރޝިޕްގެ ގިނަ ބޭފުޅުން ގެންދަވަނީ ރައީސް ޞާލިޙްގެ ވެރިކަން ބަދަލު ކުރައްވަންޖެހޭކަމަށް ވިދާޅުވެފައެވެ.

އެޕާޓީން ރައީށް ޞާލިޙަށް ހުށައަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުން ހިމެނެއެވެ. ނަމަވެސް ރައީސް ޞާލިޙް ވަނީ އެއީ ކުރެވިދާނެ ކަމެއް ނޫންކަަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ