ދުވަސްވީ މީހުންގެ އިނާޔަތް ބޮޑު ކުރުމުން މީހުން ގަބޫލުކުރޭ، ތަރުހީބު ރަނގަޅު: ރައީސް

ދުވަސްވީ މީހުންގެ އިނާޔަތް ބޮޑު ކުރުމުން މީހުން ގަބޫލުކުރޭ، ތަރުހީބު ރަނގަޅު: ރައީސް

Author
އަހުމަދު
23 ސެޕްޓެމްބަރ 2023 08:35
0

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު 7،000ރ. ދިނުމަށް ސަރުކާރުން ނިންމުމުން ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މާލޭގައި ބޭއްވި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތް ބޮޑު ކުރާ ވާހަކަ މިދިޔަ ޖޫން މަހު ދައްކާފައިވާނެ ކަމަށެވެ.

"އައްޑޫގައި ބޭއްވުނު ޖަލްސާގައި، އަޅުގަނޑުމެން ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެމީހުންނަށް، ދުވަސްވީ މީހުންނަށް ދޭ އިނާޔަތް އިތުރު ކުރާނެ ވާހަކަ. އަލުން އެ ވާހަކަ އަނެއްކާ ވެސް މި ދަންނަވާލީ،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން އެކަމަށް ރަނގަޅު ރެސްޕޮންސެއް އެބަ ލިބޭ. މީހުންނަށް ގަބޫލުކުރެވޭ ކަހަލަ ކަންތައްތަކަށް އެބަވޭ އެބަ،"

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަނީ ކޮންމެ މަހަކު 5،000ރ.އެވެ.

ރައީސް މީގެކުރިން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ލިބިވަޑައިގަތް އެއް ޝަކުވާއަކީ ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތް ކުޑަ ކަމުގެ ޝަކުވާއެވެ. އެގޮތުން މި މިހާރު ލިބެމުން އަންނަ އަދަދަކީ ދެކޮޅު ޖެހޭ އެއްޗެއް ނޫން ކަމަށް ބުނެ އެމީހުން ހިތްހަމަނުޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ އުމުރުން 65 އަހަރުވުމުން ރިޓަޔާމަންޓް އޮޕްޝަނަލްކޮށް، 70 އަހަރަށް ދިޔައީމަ، ރިޓަޔާމަންޓް އުމުރު ބަދަލު ކުރުމަށް ނިންމަވާފައިވާ ކަން ވެސް އިއުލާން ކުރައްވައިފައެވެ.

އުމުރުން ދުވަސްވީ މީހުންނަށް އެލަވެންސް ދޭން ފުރަތަމަ ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއީ މަހަކު 2،000ރ. ގެ އިނާޔަތެކެެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނަށް ބަދަލު ގެނެސް އެ އެލަވެންސް ވަނީ 5،000ރ. އަށް ބޮޑުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.