އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އެމްޑީޕީން މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމަށް ހަމަޖެހިއްޖެއެވެ.
އެމްޑީޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ހަވީރު، އެމްޑީޕީން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޮރުން ދޮރަށް ހިނގާނެ ކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު 4 އިން 6 އަކަށެވެ.
މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެމްޑީޕީއާ އަދާލަތު ޕާޓީއާ އެމްޑީއޭގެ އިސް ބޭފުޅުން މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ސޯލިހް މިހާރު ގެންދަވަނީ ކޮންމެ ދުވަހަކު ހަވީރު މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ހިންގަވަމުންނެވެ.
މިދިޔަ ހަފްތާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވަނީ، މި ފެށޭ ހަފްތާގައި ކެމްޕޭން ކުރެއްވުމަށް ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.
ކޮމެންޓު ފޮނުވާ