އެމްޑީޕީއާ ޑިމޮކްރެޓުން އެއްކުރުމުގެ މަސައްކަތް ހިންގަނީ އަޅުގަނޑު: ޝުޖާޢު

އެމްޑީޕީއާ ޑިމޮކްރެޓުން އެއްކުރުމުގެ މަސައްކަތް ހިންގަނީ އަޅުގަނޑު: ޝުޖާޢު

Author
އައިޝަތު އަޙްމަދު
23 ސެޕްޓެމްބަރ 2023 12:43
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދު ހޯއްދެވުމުގެ ގޮތުން، ވ.އަތޮޅުގައި ޑިމޮކްރެޓުންނާއި އެމްޑީޕީ އެއްކުރުމުގެ މަސައްކަތް ކުރައްވަނީ އޭނާކަމަށް ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ ވިދާޅުވެއްޖެއެވެ.

ޝުޖާއު ވ.އަތޮޅު ކައުންސިލަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް އެމްޑީޕީގައި ޚިޔާލުތަފާތުވެ އެޕާޓީގެ އިސް ބައެއް ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއާއި ޝުޖާޢު ފަހުން ގުޅިވަޑައިގަތެވެ. އަދި މިހާތަނަށްވެސް ހުންނެވީ ޑިމޮކްރެޓުންނަށް ތާޢީދުކުރެއްވުމުގައެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުންގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ އިންތިޚާބުގެ ތިންވަނައެވެ. މިއާއެކު ޑިމޮކްރެޓުންގެ ތާޢީދު ހޯއްދެވުމުގެ މަސައްކަތް އެމްޑީޕީއާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންދަވަނީ ކުރައްވަމުންނެވެ.

ޝުޖާޢު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރައީސް ޞާލިޙަށް ތާޢީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ އީވާ ޢަބްދުﷲގެ ބައްޕާފުޅު، ޢަބްދުﷲ މުޙައްމަދު (ދޭލިޔާ)އާއި ޝުޖާޢު ވަނީ ވ.އަތޮޅުގައި ޑިމޮކްރެޓްސްގެ ތާޢީދު އެމްޑީޕީއަށް ހޯދުމަށް މަސައްކަތް ފަށްޓަވާފައެވެ.

މިކަމާއި ގޫޅޭގޮތުން ޝުޖާޢު ވިދާޅުވީ، ވ.އަތޮޅުގައި ޑިމޮކްރެޓްސްގެ މުސްތަޤްބަލު އޮތީ އެމްޑީޕީގެ ޢާންމު މެންބަރުންއާއިވެސް އެކުވެގެންކަމަށެވެ. ދަ ޑިމޮކްރެޓްސް އަދި އެމްޑީޕީ އެކީނޫނީ މުސްތަޤްބަލުގެ ކާމިޔާބު ހޯދަން އުނދަގޫވާނެކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

މި ފެށީ އަތޮޅުގެ އެމްޑީޕީ އަދިި ދަ ޑިމޮކްރެޓްސްގެ ޢާންމު މެންބަރުން އެއްކުރުމުގެ މަސައްކަތް. މިކަން ހިންގަނީ އަޅުގަނޑު.

– ޝުޖާޢު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ޑިމޮކްރެޓްސްއަށް ލިބުނީ 15 ހާސް ވޯޓާއެކު 7 އިންސައްތައެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 85 ހާސްވޯޓާއެކު 39 އިންސައްތައެވެ. އެއްވަނާގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް އެއް ލައްކައަށްވުރެ ގިނަ ވޯޓާއެކު ލިބިވަޑައިގަތީ 46 އިންސައްތަ އެވެ.

މިއާއެކު އެންމެ ކުރީގައި އުޅުއްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ގެންދަވަނީ ޑިމޮކްރެޓްސްގެ ތާޢީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޑިމޮކްރެޓްސްއިން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށް ނިންމާފައެވެ.

ނަމަވެސް ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއި ޢާންމު މެންބަރުން ގެންދަވަނީ އެބަޔަކު ބޭނުންފުޅުވާ ކެންޑިޑޭޓަކަށް ތާޢީދުކުރައްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ޑިމޮކްރެޓުންގެ ގިނަ ބަޔަކު އެމަނިކުފާނަށް ވޯޓު ދެއްވާނެކަމަށް ޔަޤީންކުރައްވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.