ރާއްޖޭގެ ކަންކަމަށް ބަސްބުނުމުގެ ބާރުވެރިކަން އޮތީ އެހެން ޤައުމެއްގެ މައްޗަށް ދޫކޮށްލާފައި ކަމުގައި މޯލްޑިވްްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ލައްކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއިއެކު ރޭ ބޭއްވި ބަސްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ވޯޓު ފޮއްޓާއި ހަމައަށް ދާއިރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިނިވަންކަމާއިމެދު އޮތް ސުވާލުތައް ކަމަށެވެ. މިއަދު ފެންނަން އޮތް ހަގީގަތަކީ ޚާރިޖީ އަދި ދާޚިލީ މިނިވަންކަންވެސް ރާއްޖޭގެ ރައްޔިތުންގެ އަތްމަތީގައި ނެތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ އިންޑިއާގެ ސިފައިން އެކި ކަންކަމުގައި ރާއްޖޭގެ އެތަކެއް ތަނެއްގައި ތިބިއިރު، މުޅި ޤައުމުގެ އިޤްތިޞާދުވެސް އިންޑިއާއަށް އެކި ބަރޯސާ ވެފައި އޮތް އޮތުމަކީ ބޮޑު ނުރައްކަލެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. މިކަންކަމުން އަރައިގަނެ ރާއްޖެ ހެޔޮ މިސްރާބަކަށް މިނިވަންކަމުގެ މަންޒިލަކަށް ދެވޭ ވޯޓަކަށް 30 ވަނަ ދުވަހު ލާވޯޓު ހަދަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނާ ރައްޖޭގެ 160 ރަށަށް ވަޑައިގެންނެވި ކަމަށެވެ. ރައްޔިތުން ތިބި ހާލަތަކީ ވަރަށް ނިކަމެތި ހާލަތެއް ކަމަށާއި، އެހާލަތު ބަދަލު ކުރުމަށް މިސަރުކާރުން ކުރި ހަމަ އެއްވެސް ކަމެއް ނެތްކަމަށެވެ. ރައްޔިތުންގެ ހާލަތު ބަދަލު ކުރެވޭނީ ރާއްޖޭގެ ރައްޔިތުންނަށް އިސްކަންދޭ ވެރިކަމެއް ގެނެސްގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ދެން އުފެދޭ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީގެ ވެރިކަމެއްގައި މިކަންކަން ބަދަލުކޮށް ރާއްޖޭގެ ރައްޔިތުންނަށް ހަގީގީ ބާރުވެރިކަމާއި މިނިވަންކަން ހޯދާ ދޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ