އިންޑިއާއާ ގުޅުވައި ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައި އެ ގައުމާއި ރައްޔިތުންނާ މެދުގައި ނަފްރަތު އުފައްދަން ކުރާ މަސައްކަތް ކަމާބެހޭ އިދާރާތަކުން ބެލުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިރޭ ގޮވާލައިފިއެވެ.
އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަންގެ އޮފިޝަލުންނާއި ރާއްޖޭގައި ސުލްހަވެރިކަމާއެކު ދިރިއުޅެމުންދާ އިންޑިއާގެ ބިދޭސީންނަށް ފުރައްސާރަ ކުރުމާއި ބިރު ދެއްކުމުގެ މަގްސަދުގައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުގެ ކެމްޕެއިނެއް ހިންގަމުން ގެންދާ ކަމަށެވެ.
މިއީ ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ރާވައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ.
ހައި ކޮމިޝަނުން ބުނީ އިންޑިއާއިން ގެންގުޅޭ "ނެއިބާހޫޑް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖެއަށް ހާއްސަ ކަމެއް ދީފައިވާކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ ރާއްޖެ އަންނަ އެ ގައުމުގެ މަސައްކަތްތެރިންނާއި ޓޫރިސްޓުންނަށް ވެސް ދިވެހިންގެ މެހެމާންދާރީ އާއި ލޯބި ލިބޭ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ، އިންޑިއާއާ ބެހޭ ގޮތުން ފޭކް ރިޕޯޓްތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އަދި އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމަށެވެ.
"ނޫސްވެރިކަމުގެ ނަމުގައި ހަގީގަތާ ހިލާފަށް ދޮގު ޚަބަރު ފަތުރަމުންދާ މިފަދަ މައްސަލަތައް ބަލައިދިނުމަށް ވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." ހައި ކޮމިޝަނުން ބުންޏެވެ.
ކޮމެންޓު ފޮނުވާ