ޕޮލޭންޑުން ޔޫކުރެއިންއަށް ހަތިޔާރުގެ އެހީ ފޯރުކޮށްދިނުން ހުއްޓާލަނީ

ޕޮލޭންޑުން ޔޫކުރެއިންއަށް ހަތިޔާރުގެ އެހީ ފޯރުކޮށްދިނުން ހުއްޓާލަނީ

Author
ހުސެއިން
22 ސެޕްޓެމްބަރ 2023 09:50
0

މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަނގުރާމާގައި، ޔޫކުރެއިންގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި އޮތް ޕޮލޭންޑުން ޔޫކުރެއިންއަށް ހަތިޔާރުގެ އެހީ ފޯރުކޮށްދިނުން ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ޕޮލޭންޑުގެ މި ނިންމުމަކީ ކުރިން ބައެއް ފަރާތްތަކުން ލަފާކޮށްފައިވާ ނިންމުމަކަށްވި ނަމަވެސް މި ނިންމުން އެގައުމުން ނިންމާފައިވަނީ ކުއްލި ގޮތަކަށެވެ. އަދި އެގައުމުގެ މި ނިންމު ހާމަކޮށްފައިވަނީ، ޕޮލޭންޑުގެ ކުރިޔަށް އޮތް އާންމު އިންތިޚާބަށް އެންމެ ހަފްތާއަކަށް ވެފައިވަނިކޮށް، ދެގައުމުގެ މެދުގައި ބަހުގެ ހަމަލާތަކެއްވެސް ބަދަލު ކުރެވިފައި ވަނިކޮށެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ، ޕޮލެންޑުގެ މި ނިންމުމުގެ ސަބަބުން، ޔޫކުރެއިންގެ ދެކުނުން ރަޝިއާ ސިފައިން ފަހަތަށް ޖެއްސުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގައެވެ. މިއީ މިހާރުވެސް، ވަރަށް ލަހުން ކުރިއެރުން ލިބެމުންދާ ހަމަލާ ބަދަލު ކުރުން ތަކެކެވެ.

ޕޮލޭންޑުން ޔޫކުރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާނެކަން އިއުލާން ކުރައްވަމުން ޕޮލެންޑުގެ ބޮޑުވަޒީރު މަޓެއުޒް މޮރަވިކު ވިދާޅުވެފައިވަނީ "އަހަރެމެން ޔޫކުރެއިންއަށް ހަތިޔާރު ފޯރުކޮށް ދިނުން ހުއްޓާލަނީ އަހަރެމެންގެ ގައުމަށް ހަތިޔާރު ބޭނުންވާތީ"، ކަމުގައެވެ.

"އަމިއްލަ ގައުމު ދިފާއުކުރަން ބޭނުންވާނަމަ، އެކަމަށްޓަކާ އަމިއްލަ ގައުމަށް ހަތިޔާރު ބޭނުންވާނެ."

ޕޮލޭންޑުގެ ނިންމުން ފާހަގަވެގެން ދިޔައީ އެގައުމުން މިހާތަނަށް ގެންގުޅެމުން އައި ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައެވެ. އެގައުމު ވެގެން ގޮސްފައިވަނީ، ނޭޓޯގެ ގައުމުތަކުގެ ތެރެއިން ޔޫކުރެއިންއަށް ފައިޓަރ ޖެޓް ފޯރުކޮށްދިން ފުރަތަމަ ގައުމު ކަމުގައެވެ. އަދި އެގައުމުން ވަނީ ފާއިތުވެދިޔަ ތަނުގައި ސޯވިއެޓް ޔޫނިއަންގެ ޒަމާނުގެ، ހަނގުރާމަމަތީ 200 ޓޭންކުވެސް ޔޫކުރެއިންއަށް ފޯރުކޮށް ދީފައެވެ.

ހަމައެއާއެކު، ހުޅަނގުގެ ގައުމުތަކުން ޔޫކުރެއިންއަށް ފޯރުކޮށްދެމުންދާ ގިނަ ހަތިޔާރުތައް ޔޫކުރެއިންއަށް ގެންދަމުންދަނީވެސް ޕޮލޭންޑުގެ ތެރެއިން ލާފައެވެ.

ޕޮލޭންޑުން ދެން ޔޫކުރެއިންއަށް ފޯރުކޮށްދެމުން ދާނީ ހަތިޔާރަށް ބޭނުންވާ ވަޒަނާއި، އަދި ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ނިންމުމުގެ ކުރިން ޕޮލޭންޑުން ޔޫކުރެއިންއަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ހަތިޔާރު އެކަންޏެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ، ޕޮލޭންޑުގެ މި ނިންމުމަކީ، ކުރިޔަށް އޮތް ހަފްތާގައި އެގައުމުގައި ބޭއްވުމަށް ހަމެޖެހިފައިވާ އާންމު އިންތިޚާބާއި ގުޅިގެން ނިންމާފައިވާ ސިޔާސީ ނިންމުމެއް ކަމުގައެވެ. އަދި ލަފާކޮށްފައިވާ ގޮތުގައި މި ނިންމުން ވެގެންދާނީ ވަގުތީ ނިންމުމަކަށެވެ.

ޔޫކުރެއިންއަށް މިހާތަނަށް ހަތިޔާރު ފޯރުކޮށްދީފައިވާ ގައުމުތައް:

އެމެރިކާ: 46.6 ބިލިއަން ޑޮލަރުގެ ހަތިޔާރު

ޖާމަނީ: 18.9 ބިލިއަން ޑޮލަރުގެ ހަތިޔާރު

ޔޫކޭ: 7.3 ބިލިއަން ޑޮލަރުގެ ހަތިޔާރު

ނޯވޭ: 4.1 ބިލިއަން ޑޮލަރުގެ ހަތިޔާރު

ޑެންމާކު: 3.9 ބިލިއަން ޑޮލަރުގެ ހަތިޔާރު

ޕޮލޭންޑް: 3.3 ބިލިއަން ޑޮލަރުގެ ހަތިޔާރު

ނެދަރލޭންޑްސް: 2.7 ބިލިއަން ޑޮލަރުގެ ހަތިޔާރު

ކެނެޑާ: 1.8 ބިލިއަން ޑޮލަރުގެ ހަތިޔާރު

ސްވިޑުން: 1.6 ބިލިއަން ޑޮލަރުގެ ހަތިޔާރު

ފިންލޭންޑް: 1.4 ބިލިއަން ޑޮލަރުގެ ހަތިޔާރު

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.