އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އިއުތިރާޒެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.
ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން، އަލީ ނިޔާޒް ވިދާޅުވީ ފެހި ގާނޫނުއަސާސީ އެކުލަވާލެވުނު ފަހުން މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުން އިންތިހާބު ކޮށްފައިވަނީ ގިނަ ބަޔަކު ބައިވެރިވެގެން އުފައްދާ ސަރުކާރަކަށް ކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެކަން ހާމަވެފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިރު، އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެކަމަކު، އެއްވެސް ބޭފުޅަކަށް %50 އަށް ވުރެ ގިނަ އިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގައެވެ.
ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އިބްރާހިމް މުހައްމަދު ސޯލިހަށް 86،161 ވޯޓެވެ.
"ވެރިކަމުގެ ނިޒާމުގެ ސަބަބުންތޯ ބެލުމަށް އަޅުގަނޑުމެން ދެކޮޅެއް ނުހަދަން. އެހެންވީމާ މި ގަރާރުގައި މި ބުނާ ހިޔާލު ހޯދުމުގެ ވޯޓެއް ހުށަހެޅުމާ ރައްޔިތުންނާ ހަމައަށް ދިއުމާ ދޭތެރޭގައި އަޅުގަނޑުމެންގެ އިއުތިރާޒެއް ނެތް. އަޅުގަނޑުމެން އެއަށް ތާއީދުކުރަން،" އަލީ ނިޔާޒް ވިދާޅުވިއެވެ.
ހިޔާލު ހޯދުމުގެ ނިޒާމީ ވޯޓު ނަގާނެ ވަގުތަކަށް ވިސްނާއިރު، ޑިމޮކްރެޓްސްއިން ހުށަހަޅާ ގޮތަށް މި މަހުގެ 28 ގައި އެކަން ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.
"މިހާރު މިއޮތް ތާރީޙުގައި އެކަން ކުރެވިދާނެ. އެކަން ކުރަނީ ރައްޔިތުންގެ މަޖިލީހަކުން ނޫން، އެކަން ކުރަނީ ސަރުކާރަކުން ވެސް ނޫން. ގާނޫނުއަސާސީގައި އެބަހުރި މުއައްސަސާއެއް ކަނޑައަޅާފައި، އެ ފަރާތުން ދައްކާ ވާހަކައަށް ބަލާއިރު 30 އޮކްޓޯބަރުގައި އެކަން ކުރުމަކީ ކުރެވިދާނެ ކަމެއް،" ރައީސް ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވާ ގޮތުގައި މި މަހު ވޯޓު ނެގުުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިންތިހާބުގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުމަށް އެއް މަސް ދުވަސް ބޭނުންވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.