ޖުމްހޫރީ ޕާޓީގެ ޢާންމު މެމްބަރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކޮށްދެއްވުމަށް ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު އެދިވަޑައިގެންފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ޖުމްހޫރީ ޕާޓީިގެ ލީޑަރު ޤާސިމމް އިބްރާހިމް ވަނީ ނިންމަވާފައެވެ. ނަމަވެސް މިނިންމުމުގެ ސަބަބުން ޖޭޕީގެ ޢާންމު މެމްބަރުންނަށް މިއިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމާއި އެމީހަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އޮތް ފުރުސަތު ބަންދުވެދާނެތީ އެކަން ނުކުރުމަށް ނިންމަވައި ޑިމޮކްރަސީގެ މަގު އިސްކޮށް ޤާސިމް ވަނީ ކޮންމެ މެމްބަރަކަށްވެސް އެމެމްބަރަކު ތާއީދު ކުރާ ކެންޑިޑޭޓަކަށް ކެމްޕޭންކޮށް ވޯޓު ދިނުމުގެ ޖާގަ ދެއްވާފައެވެ.
ޤާސިމްގެ މިނިންމެވުމާއި ގުޅިގެން ޖޭޕީގެ ޢާންމު މެމްބަރުންނާއި، ލީޑަރޝިޕްގައި ހިމެނޭ މެމްބަރުން މިއިންތިޚާބުގައި ކޮންމެވެސް އެއް ކެންޑިޑޭޓަކު އިޚުތުޔާރު ކުރާނެކަމަށް ބެލެއެވެ. ޑރ. މުއިއްޒަށް ތައީދު ކުރައްވާ އަދި ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ޖޭޕީގެ ޢާންމު މެމްބަރުން މިދަނޑިވަޅުގައި ޑރ. މުއިއްޒަށް ތައީދުކޮށް މިއިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އެންމެހާ ޢާންމު މެމްބަރުން ޑރ. މުއިއްޒަށް ތާއީދުކޮށް ދެއްވުމަށް ނުހަނު އަދަބު އިހުތިރާމާއިއެކު އެދެން. އަޅުގަނޑުމެން އެންމެން ގުޅިގެން މިޤައުމު ތަރައްޤީކޮށް ބުނާކުރެވޭނެ.
– ޑރ. ޝަހީމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި މިހާރު ތިއްބެވި ގިނަ ބޭފުޅުންނަކީ ޕީޕީއެމްގެ/ޕީއެންސީގައިި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އެބޭފުޅުންނާއި ވަރަށް ގާތް ބޭފުޅުންނެވެ. ޚާއްސަކޮށް އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކެބިނެޓް މިނިސްޓަރު ކަމާއި، ބައެއް ސިޔާސީ އިސްމަޤާމުތައްވެސް ފުރުއްވާފައެވެ.