ދުރާލާ ހިއްސާނުކޮށް، އެއްވެސް ތަނަކުން ގަސްތުގައި ކަރަންޓު ކަނޑާފައި ނުވާނެ: ސްޓެލްކޯ

ދުރާލާ ހިއްސާނުކޮށް، އެއްވެސް ތަނަކުން ގަސްތުގައި ކަރަންޓު ކަނޑާފައި ނުވާނެ: ސްޓެލްކޯ

ކަރަންޓްގެ ޚިދުމަތަށް ބޭނުންވާ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެކަން ދުރާލާ އާންމުކުރާ ކަމަށާއި، މިނޫންގޮތަކަށް އެއްވެސް ސަރަހައްދަކުން ކަރަންޓް ކަނޑާފައި ނުވާނޭ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މިކަން ހާމަކޮށްފައިމިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮތްދުވަހު ހުޅުމާލެ ހިޔާ ޓަވަރުން ގަސްތުގައި ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

ސްޓެލްކޯގެ ނޫސްބަޔާނުގައިވަނީ ކަރަންޓްގެ ޚިދުމަތަށް ބޭނުންވާ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކަށް ކަރަންޓްގެ ޚިދުމަތަށް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ އެކުންފުނިން ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި މިދެންނެވި ގޮތާއި ޚިލާފަށް މިހާތަނަށް ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް މިބަޔާނުގައިވެއެވެ.

އަދި ރިޔާސީ އިންތިޚާބާއި ގުޅުވައި، ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭ ކަމަށްބުނެ ފަތުރާފައިވާ ޚަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ޚަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް މިބަޔާނުގައިވެއެވެ.

މިބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ ބިނާކުރަނިވި ފާޑުކިޔުމަށް އެކުންފުނިން އަބަދުވެސް މަރުޙަބާ ކިޔާ ކަމަށެވެ. ނަމަވެސް، ފަޚުރުވެރި ދިގު ތާރީހެއް އޮތް އެކުންފުންޏާއި، ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި ގުޅުވައި ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ އެކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމަށްވެސް މިބަޔާނުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *