އޭނާގެ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ދާއިރާއަކަށް ހިދުމަތް ކުރާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހދ. ނޮރިވަރަމްފަރުގައި މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅަށް ކުރައްވާ ދަތުރުގައި ނޮޅިވަރަމްފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ގައުމުގެ އެންމެ ފަހުރުވެރި ދެ މުއައްސަސާއަކީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ކަމަށެވެ. އެ ދެ މުއައްސަސާ ވާން ވާނީ އަބުރުވެރިކަމާއި މިނިވަންކަމާ އެކީގައި އެހެން ބައެއްގެ މައްޗަށް ބަރޯސާ ނުވެ އެތަނުގައި ހިދުމަތް ކުރަން ތިބޭ ބަޔަކު އުޅޭ ތަނަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންވެ، އެންމެ އިސްކަމެއް ދީގެން، އެ ދެ މުއައްސަސާގެ މުސާރަ ދެ ގުނަ ބޮޑު ކުރާނެ ކަމަށް ރޭ ވިދާޅުވެފައި ވާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ އެކަން ކުރާނީ އިގުތިސޯދު ނަގާ ކޮޅަށް ޖެހުމަށްފަހު މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.
މުއިއްޒު ތަފްސީލް ދެއްވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ކުރާނެ ގޮތެވެ. އެގޮތުން 2024 ވަނަ އަހަރު 35 ޕަސެންޓް ބޮޑުކޮށް، 2026 ވަނަ އަހަރު 35 ޕަސެންޓް އަދި 2028 ވަނަ އަހަރު ބާކީ 30 ޕަސެންޓް ބޮޑުކޮށް، މުސާރަ ދެ ގުނަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ސިވިލް ސާވިސް އާއި ޔުނިފޯމް އެޅި އެހެން އިދާރާތަކާއި މިނިވަން މުއައްސަސާތައް ވެސް ހިމެނޭ ގޮތަށް މުސާރަ ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ހެޔޮ ބަދަލެއް ގެނެސްދެނީ ތަރައްގީއާއެކު ރާއްޖެ ކުރިއަށް ގެންދިއުން ކަމަށާއި އެކަމުގައި ރައްޔިތުންނަށް އަމަލީ ގޮތުން މަސައްކަތްތައް ކޮށްދޭން ތިބީ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުރިހާ ދާއިރާތަކެއްގައި ހިމެނޭ ހުރިހާ މުވައްޒަފުންނަކީ މި ގައުމު ކުރިއަށް ގެންދިއުމުގައި އޭރަކު އޮންނަ ސަރުކާރަކުން ތަންފީޒު ކުރަން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކޮށްދީގެން ރައްޔިތުންނަށް ހަގީގީ މަސައްކަތްކޮށްދޭ ފަރާތްތައް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ހަމަޖެހޭ މާހައުލެއް ހޯދައިދީގެން ނޫން ގޮތަކަށް ޒިންމާދާރު މުވައްޒަފުންތަކެއް ނުލިބޭނެއެވެ.
"ހުރިހާ ސެކްޓަރެއްގެ މުވައްޒަފުންނަކީ ގައުމު ކުރިއަށް ގެންދިޔުމުގައި ރައްޔިތުންނަށް ކަންކަން ކޮށްދޭން ހަގީގީ މަސައްކަތް ކުރާ ފަރާތްތައް. އެމީހުންނަށް އެއްވެސް ވަރެއްގެ ހިތްހަމަޖެހުމެއް ނޯވޭ. ޝައުގުވެރިކަން ނޯވޭ. އެކަށީގެންވާ މުސާރައެއް ނުލިބޭތީ. މުސާރަ ކުޑަވީމަ ވަޒީފާ ދޫކޮށްލާ. ހުންނަން ޖެހޭ މަސައްކަތުގެ އަހްލާގު ވަރަށް ދަށްކޮށް ހުންނަނީ. އެމީހުންނަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާނެ މާހައުލެއް ހޯދައިދޭން ޖެހޭ." މުއިއްޒު ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސާދު އަޅުގަނޑުމެން ކުރިއަރުވައި ކޮޅަށް ޖަހައި ކުރިއަށް ގެންދަން ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ހުރިހާ މަސައްކަތްތެރިންގެ މުސާރަ އާއި އެލަވަންސްތަކަށް ހެޔޮ ބަދަލުތަކެއް އަޅުގަނޑުމެންގެ ފަސް އަހަރު ގެނެސްދޭނަން."
ކޮމެންޓު ފޮނުވާ