ކޮންމެ ޕާޓީއަކު ހުއްޓަސް، ދޭން ޖެހޭ ސަމާލުކަން ދޭނަން: މުއިއްޒު

ކޮންމެ ޕާޓީއަކު ހުއްޓަސް، ދޭން ޖެހޭ ސަމާލުކަން ދޭނަން: މުއިއްޒު

Author
އަހުމަދު
16 ސެޕްޓެމްބަރ 2023 07:35
0

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކޮންމެ ސިޔާސީ ޕާޓީއެއްގައި ހުރި ކަމުގައި ވިޔަސް، ދޭން ޖެހޭ ސަމާލުކަން ދެއްވާނެ ކަމަށް އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ނެއްލައިދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަނީ ވަކި މީހަކަށް ވަކި ކަމެއް ކޮށްދިނުމަށް ނޫން ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އަދުލުވެރިކަން ގާއިމުކޮށް އިންސާފުވެރިވާނެ ކަމަށް ވިދާޅުވިއެވެ.

"މާނައަކީ ކޮންމެ ރައްޔިތަކަށް ދޭން ޖެހޭ ހައްގު، އެންމެ ފުރިހަމަ އަށް އަދާކޮށް ދިނުމުގައި ސަމާލުކަން ދޭނަމޭ. އެއްވެސް މީހަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް، އެއީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް އެ ދޭން ޖެހޭ ސަމާލުކަން ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ރައްޔިތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި އެންމެ ފުރިހަމަ އަށް އަދި ކޮށްދެވެން އޮތް ގޮތެއް ބަލައިގެން ކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ މައިގަނޑު ފަލްސަފާއަކީ. އެހެންވީމަ މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ވެސް އަޅުގަނޑުމެންގެ މަސައްކަތް ހުންނާނީ އެގޮތަށް." ނެއްލައިދޫ ރައްޔިތުންނަށް ތަރައްގީގެ ޔަގީންކަން ދެއްވައި މުއިއްޒު ވިދާޅުވިއެވެ.

ދެވަނަ ބުރުގެ ކެމްޕެއިން މުއިއްޒު ފެއްޓެވީ އއ. އަތޮޅާއި އދ. އަތޮޅުންނެވެ. އޭގެ ފަހުގައި، މިއަދު މުއިއްޒުގެ ދަތުރު ފެއްޓެވީ ހއ. އަތޮޅާއި ހދ. އަތޮޅުންނެވެ. އެ ދެ އަތޮޅުގެ ގިނަ ރަށްތަކަކަށް މުއިއްޒު ވަޑައިގަންނަވާ އިރު، މާދަމާ ށ. އަތޮޅުގެ ރަށްތަކަށް މުއިއްޒު ވަޑައިގަންނަވާނެއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނެވީ ނަތީޖާ ނެރެދިނުމުގެ ބޭނުމުގައެވެ. އެހެންވެ، ރައްޔިތުން އިހްލާސްތެރިކަމާ އެކީގައި އޭނާ އަށް ވޯޓު ދެއްވާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.