މާލެ-ހުޅުމާލެ ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށް މިއަދު ގެއްލުންވެއްޖެއެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ފުލުހުން ބުނީ ހައިވޭގެ ހަތަރު ލޭނުން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައިވާ ކަމަށް މިއަދު ހެނދުނު ހަތެއް ޖަހާކަށް ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ޓެކްސީ ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންނެވެ. ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައި.
މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑު ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމު ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގައެވެ. އެ މަސައްކަތް އަދި އެއްކޮށް ނުނިމެއެވެ.
އެކްސިޑެންޓުގައި ލިބުނު ގެއްލުން ދެ ލައްކަ ރުފިޔާއަށް އަރާނެ ކަމަށް މިހާރު ބެލެވެ. އަދި ފަސް ސޯލާ ޕެނަލެއް ނަގަންޖެހޭނެ ކަމަށް ވެސް ބެލެވެއެވެ.