އުމުރުން 30 އަހަރުގެ އިޓަލީގެ ފޯވާޑް މާރިއޯ ބަލަޓޮއްލީ އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް އޭސީ މޮންޒާއާ ގުޅިއްޖެ އެވެ.
ސީޒަނުގެ ބާކީ ބައިގައި އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ޓީމަކަށް ބަލަޓޮއްލީ ބަދަލުވިއިރު އޭނާއަކީ ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ބަލަޓޮއްލީ ވަނީ އިންޓަ މިލާނާ އެކު 2010 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިޓާލިއަން ލީގުގެ ތިން ތަށްޓާއި، ކޮޕަ އިޓާލިއާ އަދި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އިންޓަ މިލާނަށް ކުޅުނު 86 މެޗުގައި ބަލަޓޮއްލީ އެ ކްލަބަށް 28 ލަނޑު ޖެހި އެވެ.
ބަލަޓޮއްލީ އެންމެ ފަހުން ކުޅުނީ އިޓާލިއަން ލީގުގެ ބްރެޝިއާ އަށެވެ. އެކަމަކު މިދިޔަ ސީޒަނަށް ފަހު އެ ކްލަބުން އޭނާ ދޫކޮށްލުމުން އޭނާ މިހުރިހާ ދުވަހު ހުރީ ކްލަބެއް ނެތި އެވެ. މިދިޔަ ނޮވެމްބަރު މަހު ބަލަޓޮއްލީ ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ އިޓަލީގެ ހަތަރު ވަނަ ޑިވިޝަނުގެ ކްލަބް ފްރެންޝިއާކޯޓާގަ އެވެ. އިޓާލިއަން ލީގަށް ކޮލިފައިވާން މަސައްކަތްކުރަމުން އަންނަ މޮންޒާ ޓީމުގައި ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅުނު ކެވިން ޕްރިންސް-ބޯޓެން ވެސް ހިމެނެ އެވެ. މިވަގުތު އެ ކްލަބް އޮތީ އެ ޑިވިޝަނުގެ ނުވަ ވަނާގަ އެވެ.

ބަލަޓޮއްލީ ވަނީ މެންޗެސްޓަރ ސިޓީ އަށް ބަދަލުވެ އެ ކްލަބާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ސިޓީގައި ކުޅުނު 80 މެޗުގައި ބަލަޓޮއްލީ 30 ލަނޑު ޖެހި އެވެ. އިންޓަ އާއި ސިޓީގެ އިތުރުން އޭނާ ވަނީ އޭސީ މިލާނާއި ލިވަޕޫލަށް ވެސް ކުޅެފަ އެވެ. ބްރެޝިއާ އަށް މިދިޔަ އަހަރު ބަދަލުވުމުގެ ކުރިން އޭނާ ވަނީ ފްރާންސްގެ ނީސް އާއި މާސޭ އަށް ކުޅެފަ އެވެ.
އިޓަލީގެ ގައުމީ ޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ޖަހައިދިން ބަލަޓޮއްލީ އަށް މިހާރު ގައުމީ ޓިމުން ފުރުސަތެއް ނުލިބެ އެވެ. ގައުމީ ޓީމުން ފުރުސަތު ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ އަހްލާގީ މައްސަލަތައް ގިނަވުމެވެ.
ކޮމެންޓު ފޮނުވާ