ޓީމުގެ ކުޅުންތެރިންނަށް ވަރަށް އިތުބާރު އެބައޮތް: މޯހަން

ޓީމުގެ ކުޅުންތެރިންނަށް ވަރަށް އިތުބާރު އެބައޮތް: މޯހަން

Author
އިބްރާހީމް ސާޢިދު
08 ޑިސެމްބަރ 2020 01:24
0

ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ނުކުންނައިރު ކްލަބް އީގަލްސް ކުޅުންތެރިންނަށް ވަރަށް އިތުބާރު އެބައޮތްކަމަށް އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

އެފްއޭއެމުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަމުން މޯހަން ބުނީ އީގަލްސް އޮތީ އެންމެ ވަރުގަދަކޮށް ނޫން ކަމަށާއި އެހެން ނަމަވެސް ރަނގަޅު ފައިޓެއްދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. މުހިއްމު ދެ ކުޅުންތެރިން އަނބުރާއައި ނަމަވެސް މޯހަން ބުނީ މިވަގުތު އޭނާ އަތުގައި އޮތީ އީގަލްސްގެ އެންމެ ވަރުގަދަ ސްކޮޑް ނޫން ކަމަށެވެ.

އެޓީމަށް ގެންނަން ނިންމާފައިވާ ބިދޭސީ ކުޅުންތެރިންތައް އަދި ގުޅިފައިނުވާއިރު އެންމެ ރަނގަޅަށް ތައްޔާރު ނުވެވޭކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ ޕްރެކްޓިސް ފެށުނީ ތަންކޮޅެއް ލަހުން ކަމަށާއި، އަދި ޕްރެކްޓިސް ކުރަން ފުލް ޕިޗެއް ނުލިބުމަކީ ކުރިމަތިވި މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެ ކަހަަލަ ޖެހިލުންވުމެއް ނޯންނާނެ. އީގަލްސްގެ ކުޅުންތެރިންނަށް ވަރަށް އިތުބާރު އެބައޮތް. އުންމީދަކީ އިރާދަކުރެއްވިއްޔާ ރަނގަޅު ފައިޓެއްދީ ކާމިޔާބެއް ހޯދުން،"

– މޯހަން

އީގަލްސް އިން މި ސީޒަނަށް ޓީމު އެކުލަވާލިއިރު ދިމާވި އެންމެ ބޮޑު އުނދަގޫ ކަމަކީ ފާއިތުވި އަހަރުތަކުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި ސްރީލަންކާގެ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ މި އަހަރު އެ ޓީމުން ނުފެނުމުގެ އިތުރުން އެންމެ ފަހު ވަގުތު އަލީ ފާސިރު (ސެންޓޭ) ވެސް އީގަލްސް ދޫކޮށް ވެލެންސިއާ އަށް ބަދަލުވުމެވެ. މޯހަން ބުނީ މި ދެ ކުޅުންތެރިން ނެތްތަން ފޫބެއްދުމަކީ އުނދަގޫވާނެ ކަމެއް ކަމަށެވެ.

"ތިބި ކުޅުންތެރިން އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން އެތަން ފޫބައްދަން. ޓީމެއްގެ ގޮތުގައި އެ މަސައްކަތް ކުރެވޭތޯ މި ބަަލަނީ،"

– މޯހަން

މޯހަން ބުނީ ދިވެހި ކީޕަރަކާ އެކު ފެށުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި، ހުރިހާ ޕްރެޝަރަކާ އެކު މުޅި އީގަލްސް ޓީމު އޮންނާނީ ޒުވާން ކީޕަރާ އެކުގައި ކަމަށެވެ. މޯހަންގެ އެންމެ ބޮޑު އެއް އަމާޒަކީ މި ސީޒަނުގައި ވެސް ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމެވެ.

"މިސްޓޭކްތަކެއް ހެދުމަކީ އެއްވެސް މައްސަލައެއް ނޫން އެ އުމުރުގައި މިކަހަލަ މެޗުތަކެއްގައި. އެހެންނަމަވެސް އަޅުގަނޑަށް ޔަގީނާ އެކީ ބުނަން ކެރޭނެ މި ކީޕަރަށް ކުޅެން ފުރުސަތު ދީގެންނޭ މި ކީޕަރު މޮޅުވާނީ"

– މޯހަން

އީގަލްސް އިން ވަނީ ގޯލްކީޕަރެއް ހިމެނޭ ގޮތަށް ބިދޭސީ ކުޅުންތެރިންތަކެއް ޓީމު ލިސްޓުގައި ޖަހައިފަ އެވެ. އެ ކުޅުންތެރިން ގެނެސް އެންމެ ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށް ބެލެވެނީ އޭއެފްސީ ކަޕްގެ ކޮލިފައިން އަށެވެ. މޯހަން ބުނީ އޭގެ ކުރިން އީގަލްސްގެ ގޯލު ބަަލަހައްޓާނީ ޒުވާން ކީޕަރެއް ކަމަށެވެ.

އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ބުނީ އެހާ ގިނަ ދުވަހު ނުކުޅެ ހުރެފައި އައިސް ތައްޔާރުވާން ބަލާއިރު އެންމެ ބޭނުންވި ވަރަށް ޕްރީ ސީޒަނަށް ވަގުުތު ނުލިބުނު ކަމަށާއި އެހެން ނަމަވެސް ފުރަތަމަ މެޗާ ކުރިމަތިލާއިރު ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މެޗަށް ތައްޔާރުވެގެން ކަމަށެވެ.

މާޒިޔާއާ ދެކޮޅަށް މިދިޔަ ސީޒަނުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އީގަލްސް މޮޅުވި އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ އީގަލްސް އިން ޗެރިޓީ ޝީލްޑްގައި ވާދަކުރާ ފުރަތަމަ ފަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.