ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޭނުންވަނީ އަޅުގަނޑު: ކާނަލް ނާޒިމް

ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޭނުންވަނީ އަޅުގަނޑު: ކާނަލް ނާޒިމް

Author
އައިޝަތު އަޙްމަދު
14 ސެޕްޓެމްބަރ 2023 12:27
0

އެމަނިކުފާނަށްވުރެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަލާމަތްކުރުމަށް ބޭނުންފުޅުވާ މީހަކު ނުހުންނާނެކަމަށް ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހަދައި ދެވަނަބުރަށް ޑރ.މުއިއްްޒުއަށް ކެމްޕެއިންކުރައްވާ އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އއ.ފެރިދޫއަށް މުއިއްޒުއާއެކު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވަނީ އެމަނިކުފާނު ކުރައްވާ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަމަށެވެ. ނާޒިމް ވިދާޅުވީ މިސަރުކާރު މިއަދު އޮތް ހާލަތަށް ބަލާއިރު ދިވެހިންގެ މިނިވަންކަމެއް ނެތްކަމަށެވެ.

ވިސްނަވާ މިއަދު ޤައުމުގެ ހާލަތު. އަޅުގަނޑުމެންގެ ޤައުމެއް ނެތޭ ދެންނެވިޔަސް ކުށަކަށް ނުވާނެ. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތެއް ނެތް. ވަކި ޤައުމެއްގެ މައްޗަށް އަޅުގަނޑުމެން މުޅިން އަޅުދާސްވެގެން އުޅޭތަން ފެނިގެން މިދަނީ. އަޅުގަނޑުމެންގެ މުޅި އިޤްތިޝާދު މިއޮތީ ވަކިޤައުމަކަށް ބިނާކުރެވިފަ. އަޅުގަނޑުމެން ރައްޔިތުންނަކަށް ބަސް ބުނުގެ ފުރުޝަތެއް މިއަދަކު ނެތް.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެންމެން އެކަތިގަނޑަކަށްވެ މި ރާއްޖެ ސަލާމަތްކުރަންޖެހޭކަމަށާއި، މިއަދު ރައްޖޭގައި ކަންކަން ހިނގަމުން މިދަނީ ދިވެހިންގެ ބަސް ހިނގާ ގޮތަށް ނޫންކަމަށެވެ. ބޭރު ޤައުމަކުން ބުނާގޮތަށް ބަސް ހިނގާނަމަ ޤައުމު ކުރިއަށް ނުދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ އެކަންތައް ރަނގަޅުކުރުމަށް ޑރ.މުޢިއްޒާ ގުޅިވަޑައިގެން ކުރިއަށްދާން ނިންމެވީކަމަށެވެ.

ތަފާތު ދޮގު ވާހަކަތައް ދަކައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް ވިދާޅުވެ ނާޒިމް ވަނީ އެމްއެންޕީންވެސް މިއައީ ޤައުމު ސަލާމަތްކުރުމަށްކަމަށް ހާމަކުރައްވާފައެވެ.

މިޤައުމު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެން އެއްބަސްވުމެއް އެކުލަވާލިން. މި އެއްބަސްވުމުގައި އެއްވެސް ޝަރުތެއް ނޯންނާނެ. އެހެންނަމަވެސް އެބަލިޔެވޭ އަޅުގަނޑުމެން ޝަރުތެއް ކުރިކަމަށް. ނަމަވެސް އަޅުގަނޑު ހަމަ ދުރާގާތުން ބައްލަވާ ރައްޔިތުންނަށް ދަންނަވަން އޮތީ އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކު ޖަލުގައި އޮންނަން އެދިވަޑައިނުގަންނަވާކަަމށެވެ. ވަކި ބޭފުޅަކަށް ހަރާމް ހުކެއް ކޮށްގެން ޖަލުގަ ބޭއްވުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ކަމެއް ނޫންކަމށް ނާޒިމް ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުންވަނީ ރައީސް ޔާމީންމިނިވަންވެ އަޅުގަނޑުމެންނާއެކު ހުންނަ ދުވަހެއް ދެކޭށޭ. އެހެންވީމަ އެކަން އަޅުގަނޑު މިއަދު ބޭނުން ސާފުކޮށް ދަންނަވާލަން.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ މިއަދު އެކަމުގައި އޭނާގެ ސްޓޭންޑް ސާފްކޮށްދިނީކަމަށެވެ. އޭނާ ވަނީ ތަފާތު ދޮގު ވާހަކަތައް ދެއްކުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ކޯލިޝަން މެނިފެސްޓޯގައި ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި، ޒުވާނުންނާ ރައްޔިތުންނާ ވިޔަފާރިތަކަށް ވަރަށް ގިނަ ފުރުޞަތުތަކެއް އެބައޮތްކަަމށާއި، ދެން އަންނާނީ އުންމީދީ ސަރުކާރެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.