ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބުކުރާނީ، ރައީސް ނަޝީދުގެ ދަ ޑޮމޮކްރެޓްސއާް ނުލާކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވާން ފަށްޓަވައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ ބޮޑު ތާޢީދަކާއެކު އެއްބުރުންކަމަށް ރައީސް ޞާލިޙާއި، އެމްޑީޕީގެ މެންބަރުން ގެންދެވީ ވިދާޅުވަމުންނެވެ. ނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރު ނިމިގެން ދިޔައީ އެމްޑީޕީން ހީކުރިގޮތާ ޚިލާފަށް ރައީސް ޞާލިޙަށް ބޮޑު ނާކާމިޔާބީއަކާއެކުއެވެ. ވާދަވެރި ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އިންތިޚާބުގެ އެންމެ ގިނަ ވޯޓު ހޯއްދަވާފައެވެ. އިންތިޚާބުގެ %46 ވޯޓު ހޯއްދެވިއެވެ.
ރައީސް ޞާލިޙަށް %40 ވޯޓުވެސް ނުހޯއްދެވުނެވެ، މިއާއެކު އެމަނިކުފާނަށްވަނީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ. އެއީ އިންތިޚާބުގެ ތިންވަނަ ހޯދި ދަ ޑިމޮކްރެޓްސްގެ ވޯޓު ހޯއްދަވަން މަޖުބޫރުވުމެވެ. ރައީސް ޞާލިހާއި، ޑރ.މުޢިއްޒުގެ ވޯޓުގެ ފަރަގު 1500އަށްވުރެ މައްޗަށް އަރައެވެ. ޑިމޮކްރެޓުންނަށް 16000އެއްހާ ވޯޓު ލިބުނެވެ.
މިއާއެކު އެމްޑީޕީގެ އިސް ބޭފުޅުންނާއި އާންމުން ވަނީ ދަ ޑިމޮކްރެޓްސް ރައީސް ޞާލިޙްގެ ފަހަތްޕުޅަށް އެރުމަށް ގޮވާލަން ފަށާފައެވެ. ނަމަވެސް ޑިމޮކްރެޓުން ތިބީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ. އެމްޑީޕީގެ ރައީސްކަމުން ރައީސް ނަޝީދު ދުރުކުރެއްވުމާއި، އެމަނިކުފާނަށް ތާޢީދުކުރައްވާ ގިނަ ބަޔަކު އެމްޑީޕީއާއި ސަރުކާރުން ދުރުކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޑިމޮކްރެޓްސްއިން ބުނަމުންދަނީ ރައީސް ޞާލިހާއި، އެމްޑީޕީގެ ޗެއަރޕާސަން އަދި އެމްޑީޕީން، ރައީސް ނަޝީދާއި ޑިމޮކްރެޓުންގެ ކިބައިން މައާފަށް އެދެން ޖެހޭނެކަމަށެވެ. އެނޫން ހާލަތެއްގައި އެމްޑީޕީއާއި ގުޅޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ. ނަމަވެސް އެމްޑީޕީގެ ލީޑާޝިޕުން އެކަމަށް ދެކޮޅު ހަދައެވެ.
މިއާއެކު އެމްޑީޕީގެ އިސް ބައެއް އެކްޓިވިސްޓުންނާއި ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ރާގު ބަދަލުވެ، އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރާނީ ޑިމޮކްރެޓުންނާ ނުލައިކަމަށް މިހާރު ދަނީ ބުނަމުންނެވެ.
މިގޮތުން މިސަރުކާރުން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ ނައިބު ބަދުރުއްދީން ވަނީ ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރާނީ ޑިމޮކްރެޓުންނާ ނުލާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ޞާލިޙަށް ދެވަނަ ބުރު ކާމިޔާބު ކުރެވެން އޮތީ އިތުރު ބަޔަކާއެކު ކޯލިޝަން ހަދައި ގުޅިގެންނެވެ. އެގޮތުން ރައީސް ޞާލިޙް ގެންދަވަނީ ޖުމްހޫރީ ޕާޓީއާއި މަޝްވަރާ ކުރައްވަމުންނެވެ. އަދި އެމްޑީޕީފެ ޗެއަރޕާސަން ވަނީ ޑިމޮކްރެޓުންނާވެސް މަޝްވަރާ ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.
ރައީސް ޞާލިޙް ދާދި ފަހުން ވަނީ ބަޔަކާއެކު ކޯލިޝަން ހެދުމަށްވުރެ ބޮޑަށް މިހާރު އިސްކަންދެއްވަނީ ކެމްޕެއިނަށް ގެނައި ބަދަލާއެކު ކެމްޕެއިން ފުޅާކޮށްގެން އިންތިޚާބު ކާމިޔާބުކުރުމަށްކަމަށެވެ.
ކޮމެންޓު ފޮނުވާ