ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މއ. ނައިޓްވިލާ، އިބްރާހީމް(ގައްބަރޭ) އަކީ ގާތް ރައްޓިއްސެއް ކަމަށާއި، އޭނާ ދޫކޮށްލުމަށް ޒަޒީރު އެދިވަޑައިގެންފިއެވެ.
މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަތިހު ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދިނީ މާލޭގެ ކެފޭއެއްގެ ތެރެއިންނެވެ. ގައްބަރޭއާއި އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު ޒަރީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގައްބަރޭ އަކީ އޭނާގެ ވަރަށް ގާތް އެކުވެރި ރަށްޓެއްސެއް ކަމަށެވެ. އެހެންވެ ޕޮލިސް ޓެގްކޮށް އޭނާ ވަނީ ގައްބަރޭ ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
އަޅުގަނޑުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ގައްބެ މިނިވަންކޮށް ދެއްވާ. ގައްބެއަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓިއްސެއް.
– މެމްބަރު ޒަރީރު ވިދާޅުވިއެވެ.
ގައްބަރޭ އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުގައި މަހެއްވަރު ބެހެއްޓުމަށްފަހު ޝަރުތުތަކަކާ އެކު ކްރިމިނަލް ކޯޓުން އޭނާ މިނިވަންކުރީ މިދިޔަ ޖުލައި ހަވަނަ ދުވަހުއެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އޮގަސްޓް މަހުގެ ދެވަނަ ހަފްތާ ތެރޭގައި ހައިކޯޓުން ވަނީ ގައްބަރޭއާއި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެހެން މީހުން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައެެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އޭނާ ބަންދުކުރުމަށް ދައުލަތުން އެ މައްސަލަ ދަށު ކޯޓަށް ހުށަހަޅައިފިނަމަ އޭނާ ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށްވެސް ހައިކޯޓުން އަމުރުކޮށްފައިވެއެވެ.
ހައިކޯޓުން ދިން މުއްދަތުގެ ތެރޭގައި ގައްބަރޭ ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އޮގަސްޓް 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ގައްބަރޭ ބަންދުކުރަން އޮގަސްޓް 19 ވަނަ ދުވަހު އަމުރުކޮށްފަ އެވެ. އެ ދުވަހުން ފެށިގެން ގައްބަރޭ ހުރީ ބަންދު ގައެވެ.
ކޮމެންޓު ފޮނުވާ