ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން އެމްޑީޕީ ކޯލިޝަނުން ވަކިވެ، ޕީޕީއެމް/ޕީއެންސީއާއި ގުޅުމަށް ނިންމަވައިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެމްޑީއޭގެ ކައުންސިލް މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ނިންމި ނިންމުމާއިއެކު އެމްޑީއޭއިން ވަނީ މިސަރުކާރު ކޯލިޝަނުން ވަކިވުމަށް ނިންމާފައެވެ. މިނިންމުން ރަސްމީކޮށް ނިންމުމަށްޓަކައި މާދަމާ އެމްޑީއޭގެ ކައުންސިލް ބައްދަލުވުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީއޭއިން، އެމްޑީޕީ ކޯލިޝަނާއި ވަކިވާން ނިންމާފައިވަނީ ސީދާ ކޮން ސަބަބާއި ގުޅިގެން ކަމެއް ނޭގެއެވެ. ނަމަވެސް މިހާރު ކައުންސިލްގައި ހިމެނޭ ބައެއް އިސް ބޭފުޅުންނަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާއިއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރާތީ ކެމްޕޭންގެ އެއްވެސް ހަރަކާތެއް ނުކުރުމަށްވެސް ވަނީ އަންގާފައެވެ.
އަދި މިރޭ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވި ކެމްޕޭން އިވެންޓުގައި އެމްޑީއޭގެ އިސްބޭފުޅުން ފެނިފައިނުވެއެވެ. އެމްޑީއޭއަކީ ޕީޕީއެމް/ޕީއެންސީއާއިއެކު މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާ ޕާޓީއެވެ. އަދި ރައީސް ޔާމީނާއި ސިޔާމަކީ ވަރަށް ގާތް ދެބޭފުޅުންކަންވެސް ފާހަގަކޮށްލެވެއެވެ.
ސިޔާމް އެމްޑީޕީ ކޯލިޝަނުން ވަކިވާން ނިންމާފައިވާއިރު ޕީޕީއެމްއިން ދަނީ މިރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއިވެސް ބައްދަލު ކުރައްވައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ