ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއާއި ބައިއަތު ހިފައި ކޯލިޝަން ހެދި ފުރަތަމަ ސިޔާސީ ޕާޓީއަކަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ވެއްޖެއެވެ.
މީރުމާގައި މީގެ އިރުކޮޅެއް ކުރިއަށްދިޔަ އިވެންޓުގައި އެމްއެންޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ތިމަރަފުށި ދާއިރާގެ މެންބަރު ރިޔާޒާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.
ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިވެންޓުގައި ބައިވެރިވެވަޑައިގަތީ ޕީއެންސީގެ ރައީސް އަދި އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމްގެ އިތުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި މުއިއްޒުގެ ރަނިން މޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
ނާޒިމާއި އަބްދުއްރަހީމް ވެސް ވިދާޅުވީ، އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި އޮންނާނީ އެކުގައި މަސައްކަތް ކުރުމުގެ މާހައުލެއް ގާއިމްކުރުން ކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވެއްޖެ ނަމަ ސަރުކާރެއް އެކުލަވައިލާއިރު، އެކިއެކި މަގާމުތައް ދޫކުރާނެ ގޮތްތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ، އެ އިހުތިޔާރު ދޫކޮށްލެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކަމަަށެވެ.

އަޅުގަނޑުމެންގެ މުޅި އަމާޒު އޮންނާނީ މި އިންތިހާބު ކާމިޔާބު ކުރުން. އެކުގައި މަސައްކަތް ކުރެވޭނެ މާހައުލަކަށް އެގްރީމަންޓް ތައްޔާރުކޮށް ނިމިފައި އޮތީ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އޮތީ އަޅުގަނޑުމެން ސާބިތުކަމާ އެކު ޑރ. މުއިއްޒާ އެކު ތިބެ މި އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރާނަން،. ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެގެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނީ 1907 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 0.8 ޕަސެންޓް ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް 101،635 ވޯޓެވެ. އެއީ 46 ޕަސެންޓް ވޯޓެވެ.
ކޮމެންޓު ފޮނުވާ