ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުﷲ ޚަލީލް

މި ސަރުކާރުން ގެންގުޅެނީ އަޅުވެތިކަމުގެ ސިޔާސަތު، ޤައުމު އެދޭ ބަދަލުގައި ބައިވެރިވުމަށް ނުކުންނާވާ!: ޚަލީލު

މި ސަރުކާރުން ގެންގުޅެނީ އަޅުވެތިކަމުގެ ސިޔާސަތު، ޤައުމު އެދޭ ބަދަލުގައި ބައިވެރިވުމަށް ނުކުންނާވާ!: ޚަލީލު

މި ސަރުކާރުން ގެންގުޅެނީ، ދިވެހިން ނޭދޭ، އަޅުވެތިކަމުގެ ސިޔާސަތެއް ކަމަށާއި، އެފަދަ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާ ސަރުކާރެއްގެ ސިޔާސީ މަގާމުގެ މަޅީން ނެއްޓި، ގައުމަށް އަންނަން އޮތް ބަދަލުގައި ބައިވެރި ވުމަށް، ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޚަލީލު ގޮވާލައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުން އިދިކޮޅު ކެނޑިޑޭޓަށް ލިބިގެންދިޔަ ބޮޑު ކާމިޔާބަށްފަހު، އެންމެ މަތިން ވޯޓު ހޯދި ދެޕާޓީންވެސް ދެވަނަ ބުރުގެ ކެމްޕޭން ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ޚަލީލު ކުރެއްވި ޓުވީޓުގައި ވަނީ ސަރުކާރުގެ ސިޔާސީ މަގާމްތަކާއި އަދި ކުންފުނިތަކުގެ އެކިއެކި މަގާމްތަކުގައި ތިބި މުވައްޒަފުންވެސް ވަޒީފާގެ ބިރައް ނުތިއްބާވާ ޤައުމު އެދޭ ބަދަލުގައި ބައިވެރިވުމަށް ނުކުތުމަށް ގޮވާލައްވާފައެވެ.

ޚަލީލުގެ ޓުވީޓުގައި ވިދާޅުވީ، ރާއްޖޭގެ މިހާރު އޮތީ ދިވެހިން ނޭދޭ އަޅުވެތި ސިޔާސަތުތަކެއް ގެންގުޅޭ ސަރުކާރެއް ކަމުގައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި އިދިކޮޅު ކެނޑިޑޭޓް ޑރ. މުއިއްޒު ވަނީ ވޯޓުލީމީހުންގެ %46 ވޯޓު ހޯއްދަވާ، ދެވަނަބުރުގެ އުއްމީދު އާކޮށްފައެވެ. އެއާއެކު ފުރަތަމަ ބުރުން %39 ވޯޓު ހޯއްދެވުނު، މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ ދެވަނަ ބުރުގައި ކޯލިޝަން އިތުރަށް ފުޅާކުރުމަށް އިންތިޚާބުން ބަލިވި ސިޔާސީ ޕާޓީތަކާއެކީ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ އެމްޑީޕީއާއި ޚިޔާލް ތަފާތުވި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *