ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ކ. މާފުށި ސްކޫލުންނާއި ކ. ހިންމަފުށި ސްކޫލުން ވަމުންދާ ތައްޔާރީތަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ކުންފުނިން ބުނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް މާފުށީ ސްކޫލުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެ ސްކޫލުގެ އެދުމުގެ މަތިން މާފުށި އިންޖީނުގޭގެ މުވައްޒަފުން ކްލާސްރޫމްތަކުގައި ކުލަލުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށްޓަކައި ހިންމަފުށި ސްކޫލުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެ ސްކޫލުގައި މައްސަލަ ޖެހިފައިވާ ފަންކާތަކާއި ބޮކިތައް ބަދަލުކުރުމަށް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށްޓަކައި ހިންމަފުށީ ސުކޫލުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެ ސުކޫލުގައި މައްސަލަ ޖެހިފައިވާ ފަންކާތަކާއި، ބޮކިތައް ބަދަލުކުރުމަށް ހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. pic.twitter.com/RS0kkIcYCn
— STELCO (@STELCOMALDIVES) August 4, 2023
ސްޓެލްކޯއިން މީގެކުރިންވެސް ވަނީ ހިންމަފުށި ސްކޫލުގެ އެދުމުގެ މަތިން އެ ސްކޫލަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ސްކޫލުގެ ކޮމްޕިއުޓަ ލެބާއި ސްޓާފް ރޫމުގެ މައްސަލަ ޖެހިފައިވާ ލައިޓުތައް ރަނގަޅުކޮށްދިނުމުގެ އިތުރުން ވަޔަރިންގެ ބައެއް މައްސަލަތައް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން ހައްލުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެ އިތުރުން އެ ސްކޫލުގައި އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ރައްކާ ކުރާ ސެކިއުރިޓީ ރޫމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައްވެސް ހިންމަފުށި އިންޖީނުގޭގެ މުވައްޒަފުން ވަނީ ހައްލުކޮށްދީފައެވެ. މީގެ އިތުރުން އެ ކުންފުނިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގެ ފަރާތުން ރަށު ސްކޫލަށް ލެޑް ލައިޓްތަކެއް ހަދިޔާކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ރަށްރަށުގެ މުއައްސަސާތަކުން އެދޭ ކަންކަމުގެ އިތުރުން އެ ރަށްރަށުގައި ކުރިއަށް ގެންދާ އިޖުތިމާއީ އެކި މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމުގައެވެ. ރަށު ފެންވަރުގައި ހިންގޭ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް އަބަދުވެސް ލިބޭ އުފަލެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.