ގައުމުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދަވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ނާކާމިޔާބީއާއެކު ކުރެއްވި ޓްވީޓެއްގައި ނާޒިމް ވިދާޅުވީ، އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށާއި އަދި ހެޔޮއެދޭ އެންމެހާ ރައްޔިތުންނަށް އިހްލާސްތެރި ޝުކުރު ދަންނަވާކަމަށެވެ. ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް އަދި ގައުމުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ޕާޓީ އެމްއެންޕީން ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް ދިވެހި ރައްޔިތުންގެ ނިންމެވުމަށް އިޙްތިރާމްކުރާކަމަށް ބުނެފައެވެ.
އެމްއެންޕީގެ ބަޔާނުގައި ވަނީ އިންތިޚާބުގައި އެންމެ ކުރި ހޯއްދެވި ޑރ. މުޙައްމަދު މުޢިއްޒަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ދަންނަވާކަމަށް ބުނެފައެވެ. އިންތިޚާބުގެ 2 ވަނަ ބުރުގައި އެޕާޓީން ނިންމާނޭ ގޮތެއް ފަހުން ޙިއްޞާކުރާނެކަމަށްވެސް އެޕާޓިން ބުންޏެވެ.
އެމްއެންޕީން ބުނީ އެޕާޓީގެ ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދާނެކަމަށެވެ.
ރިޔާސީ އިންތިހާބުގައި ނާޒިމަށް ލިބިވަޑައިގަތީ އިންތިޚާބުގެ 7 ވަނައެވެ. އޭނާއަށް ލިބިވަޑައިގަތީ 1906 ވޯޓާއެކު %0.87 އެވެ.
ކޮމެންޓު ފޮނުވާ