ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ލ.ގާދޫގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ގާއިމްކޮށް ބަންކަރިން ފެސިލިޓީއެއް ހަދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. ފޮނަދު އަށް ވަޑައިގެން ބޭއްވެވި ބޮޑު ޖަލްސާގައި މުއިއްޒު ވަނީ ލ. އަތޮޅަށް ކުރައްވާނެ ކަންކަމުގެ ލިސްޓެއް އިއުލާން ކުރައްވައިފައެވެ. އޭގެ ތެރޭގައި ލ. އަތޮޅުގައި ގުޅިފައިވާ ދެ ރަށް ކަމުގައިވާ ލ. ފޮނަދޫ އަދި ގަން ހިމެނެއެވެ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި އެ ރަށް ރަށަށް ފުރިހަމަކޮށްދެއްވާނެ ކަންކަން ހާމަކުރައްވާނެ ކަމަށެވެ.
ފޮނަދު އަށް މުއިއްޒުގެ ގިނަ ވައުދުތަކެއް ފޮނަދޫއަށާއި ގަމަށް
މުއިއްޒު ލ. އަތޮޅަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ލ.ހުޅިމެންދޫގައި ރިސޯޓެއް ތަރައްގީކޮށް އެއީ އަމަލީ މައިދާނުގައި ތަޖުރިބާތައް ލިބޭ ހޮޓެލް ސްކޫލަކަށް ހެއްދެވުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލ.އަތޮޅު ބަރެސްދޫގައި އިއުލާން ކުރެއްވެވި އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. ދެން އޭނާ ފާހަގަ ކުރެއްވި ކަމަކީ ފޮނަދޫގެ ބިން ހިއްކުމުގެ މަޝްރޫއެވެ. އެކަން ފުރިހަމަކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ލޭންގްއޭޖް ސްކޫލެއް ގާއިމު ކުރާނަން ކަމަށާއި އޭގެތެރެއިން އެއް ސްކޫލް ހުންނާނީ ފޮނަދޫގައި ކަމަށެވެ. ފޮނަދޫގެ ސަރުކާރު އޮފީސްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ބޮޑު އޮފީސް ކޮޕްލެކްސްއެއް އަޅަން ވެސް މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ.
ހައްދުއްމައްޗަކީ ބިން ބޮޑު އަތޮޅެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ކޮންވެންޝަންތައް ބޭއްވުމަށް ކޮންވެންޝަން ސެންޓަރެއް ހައްދުންމަތީގައި ގާއިމުކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ލ.ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށާއި ލ.އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ވެސް މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ. އެކަމަކު، އެއާޕޯޓު އަޅާނެ ސަރަހައްދެއް އަދި ނުނިންމަވާ ކަމަށާއި އެކަން ކުރައްވާނީ ވަރަށް ބޮޑަށް ބެއްލެވުމަށް ފަހުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.އޭގެ އިތުރުން ގަމާއި ފޮނަދޫގެ ހުރިހާ މަގެއްގެ ތާރު އަޅަން މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ. ރަނގަޅު ފެންވަރުގެ ސްޕޯޓް ކޮމްޕްލެކްސް އެއް ގަމާއި ފޮނަދޫގައި ގާއިމު ކުރުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ.
ކޮމެންޓު ފޮނުވާ