އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ ކޯލިޝަން ބައިވެރިން މިއަދު ތިނަދުއަށް ވަޑައިގަތުމުން އެތައް ސަތޭކަ ބަޔަކު ނިކުމެ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ތިނަދޫއަށް ކެމްޕެއިން ދަތުރުފުޅެއްގައި ވަޑައިގަތީ މިއަދު ހަވީރެވެ. އެރަށު ޖެޓީ ސަރަހައްދުން ފެށިގެން ދިގު ކިއުއެއް ރައީސްއަށް މަރުހަބާ ކިއުމަށް އޮތެވެ. ރައީސް ވަނީ މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް އައިސް ތިބި މީހުންނާ ސަލާމްކުރެއްވުމަށް ދޮޅު ގަޑިއެއްހާއިރު ހޭދަކުރައްވާފައެވެ. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ އެރަށުގެ 1000އެއްހާ މީހުން ރައީސްއަށް މަރުހަބާ ދެންނެވުމަށް ނިކުމެފައިވާކަމަށެވެ.
ރައީސް ތިނަދޫއަށް މި ވަޑައިގަތީ ބައެއް މަޝްރޫޢޫތަކުގެ ނިމުން ފާހަގަކުރުމަށާއި، ކެމްޕެއިން ޖަލްސާއަށެވެ. އެގޮތުން ޤައުމީފެރީ ނިޒާމް އާރުޓީއެލް މުޅި ހުވަދޫ ގުޅާލުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ތިނަދޫއަށް ވަޑައިގަތުމުން އެހާ ގިނަބަޔަކު ނިކުތީ، ރައީސް މިރޭ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެތީކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
މިރޭ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ހަމަޖެހިފައިވާއިރު، ފާއިތުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެރަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ދެން އެމަނިކުފާނު ތިނަދޫއަށް ވަޑައިގަންނަވާނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ކަމުގައެވެ.
އެގޮތުން މިއަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު ތިނަދޫ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ރިޔާސީ ޕްރައިމަރީ އަށް ފަހު ލަސްތަކެއް ނުވެ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ބާއްވާ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖޭގެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ ގާނޫނީ ގޮތުން ވަކި ޝަރުތުތަކެއް ހަމަވުމުންނެވެ. އެ ޝަރުތު ތަކަކީ:
- ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000 (ދިހަހާސް) އަށްވުރެ ދަށްނުވުން.
- ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމުގައިވުން.
- ޓަރޝަރީ ހޮސްޕިޓަލެއް ހުރުން.
- ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަަމައަަށް ތައުލީމު ޙާޞިލުކުރެވޭނެ މަރުކަޒެއް ޤާއިމުވެފައިވުން.
- ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުން.
- ސިޓީގައި ކޮމާޝަލް ހާބަރއެއްގެ ޚިދުމަތް ލިބެންހުރުން.
- ސިޓީގައި ބޭންކެއްގެ ޚިދުމަތް ލިބެން ހުރުން.
މިކަންކަން ފުރިހަމަވާނަމަ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ދިރާސާކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ހުށަހެޅުމާ އެއްގޮތަށް ސިޓީއެއްގެ ދަރަޖަ ދެވިދާނެއެވެ.
ތިނަދޫގެ ތަރައްޤީއަށާއި ތަސައްވުރު ރައީސް މިރޭ އެރަށުގައި ހާމަކުރައްވާނެއެވެ.
One Response
ތާއީދު ފެންނާނެ ވޯޓުން.ޗޯރޭ އަށް ނޫނެކޭ ބުނާނެ.ވޯޓް ލާ ދުވަހު ޗޯރޭ މިގައުމަކު ނުހުންނާނެ.ހުރިހާ ވަގުން ފިލާނެ.ކަނޑު ވިއްކާ ދަރަނިބޯ ބަލިވާނެ.