ރާއްޖޭގެ ހާލަތު މިއަދު ވެއްޓިިފައިވާ ހާލަތުން ޤައުމަށް ބޭނުންވަނީ ޢިލްމީ ޤާބިލް ބޭފުޅެއް ކަމަށާއި އެބޭފުޅަކީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދުވާފަރުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު މިޤައުމުގެ ވަލިއްޔުލް ޢަމްރަކަށް ވަޑައިގަންނަވަން ވާނީ ޢިލްމީ، ދީނީ ކަންކަމަށް ލޯހުޅުވިފައިވާ ބޭފުޅެއްކަމަށް ޝަހީމް ވިދާޅުވިއެވެ. ރާއްޖޭގައި އިސްލާމީ ވަހުދަތު މިއަދު އޮތް ހާލަތަކީ ހިތާމަވެރި ހާލަތެއްކަން ފާހަގަކޮށް ޝަހީމް ވިދާޅުވީ އިސްލާމީ ވަހުދަތު ގާއިމްކޮށް ދިވެހިންގެ ރީތި އިސްލާމީ ސަގާފަތް އަލުން ގާއިމް ކުރެވޭނީ ޑރ.މުއިއްޒުއަށް ކަމުގައި ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ މުސްތަގުބަލު ބިނާކުރާ ބަޔަކީ ޤައުމުގެ ޒުވާން ބޭފުޅުން ކަމަށްވާއިރު މިއިންތިޚާބަކީ ޒުވާން ބޭފުޅުން ޤައުމުގެ ހާލަތާއިމެދު ވިސްނުންތެރި ކަމާއިއެކު ގޮތް ނިންމަންޖެހޭ ހާލަތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. ރާއްޖޭގެ އިޖުތިމާއީ ފޭރާން މިއަދު އޮތް ދަށް ހާލަތާއި ދިވެހިންގެ ސަގާފަތާއި މިނިވަންކަމާއި ގުޅިގެން އެތައް ސުވާލެއް އުފެދިފައިވާ މިހާލަތުގައި ޑރ.މުއިއްޒު ނޫން ބޭފުޅަކަށް ގައުމު ހަމަމަގަށް ނޭޅުވޭނެކަަމަށް ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދެއްވި އިސްލާމީ އިލްމާއި ތައުލީމާއި ދީނި އެތައް ކަމެއް މިއަދު މަޑުޖެހި ހުއްޓިފައިވާކަމަށެވެ. އެތައް ބިނާއެއް ހުރީ ވީރާނާވެފައިކަމަށެވެ. މިތަންތަން އަލުން ތަރައްޤީކޮށް އިސްލާމީ ވަހުދަތު ރަނގަޅަށް ގާއިމް ކުރައްވާނީ ޑރ.މުއިއްޒު ކަމަށް ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ