ކަނދޮޅުދޫގައި މަސް ކިރޭނެ ރަނގަޅު ފެސިލިޓީއެއް ގާއިމު ކުރާނަން: ޑރ. މުއިއްޒު

ކަނދޮޅުދޫގައި މަސް ކިރޭނެ ރަނގަޅު ފެސިލިޓީއެއް ގާއިމު ކުރާނަން: ޑރ. މުއިއްޒު

ވެރިކަމަށް ވަޑައިގެންފި ނަމަ، ފަޅުވެފައިވާ ރ. ކަނދޮޅުދޫގައި މަސް ކިރޭނެ ރަނގަޅު ފެސިލިޓީއެއް ގާއިމު ކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީ ކާރިސާއާ ގުޅިގެން ފަޅުވި ކަނދޮޅޫދޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި ފާނައިގެ މަސްވެރިކަމަށް ހާއްސަ ކޯލްޑް ސްޓޯރޭޖެއް ވެސް ގާއިމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެއާ އެކީގައި މި ރަށާއި ރަށް ކައިރީގައި އޮތް ރަށްރަށާއި އެހެނިހެން ރަށްރަށުގައި މަސް ކިރޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

އޭރުން ވަރަށް ބޮޑު ފަސޭހައެއް މަސްވެރިންނަށް ލިބޭނެ.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ފަސް އަހަރުގެ ދައުރެއްގައި ދުވާފަރަށް ކޮށްދެއްވާނެ ކަންކަން އިއުލާން ކުރައްވައިފައެވެ. އެންމެ ފުރަތަމަ ކަމަކަށް އޭނާ ފާހަގަކުރެއްވީ ގެދޮރުވެރިކަމުގެ ސިޔާސަތެވެ.

މުއިއްޒު ވިދާޅުވީ ހިއްކި ބިމުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގުމަށް ފަހު، ރޯ ހައުސް އަޅަން ބޭނުން ނަމަ، ރޯހައުސް އަދި ފްލެޓު އަޅުއްވައި ދެއްވާނެ ކަމަށެވެ. ގެދޮރުވެރިކަން ޔަގީންކޮށް ދިނުމާ އެކީގައި އާމްދަނީ ހޯދޭނެ ގިނަ ވަސީލަތްތަކެއް ހިއްކި ބިމުން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވެވަޑައިގެންނެވި އިތުރު ވައުދުތަކުގެ ތެރޭގައި ރަށުގައި ހޮސްޕިޓަލެއް އެޅުމާއި ތައުލީމީ ނިޒާމު ރަނގަޅުކޮށް ޓީޗަރުންނާއި ވަސީލަތްތައް އިތުރު ކުރުމާއި އެކޮމޮޑޭޝަން ދަނާލްއެއް ގާއިމު ކުރުމާއި ބޭންކްގެ ބްރާންޗެއް ގާއިމު ކުރުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *