އިޓާލިއަން ލީގުގައި ރޭ ސަމްޕްޑޯރިއާ އާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށް އޭސީ މިލާނުން ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ރަށުން ބޭރުގައި ރޭ އޭސީ މިލާނުން ސަމްޕްޑޯރިއާގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ އޭސީ މިލާނުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފަހުމިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ފްރޭންކް ކެސީ އެވެ.
އޭސީ މިލާނަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުއިތް ސަމޫ ކަސްޓިލޭޔޯ އެވެ. ސަމްޕްޑޯރިއާގެ ލަނޑުޖެހީ އެ ޓީމަށް ލިބުނު ކޯނަރެއްގައި އަލްބިން އެކްޑާލް އެވެ.
އޭސީ މިލާނުން އަންނަނީ ލީގުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓަމުންނެވެ. ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށްފައިވާއިރު އަނެއް ދެ މެޗު ވީ އެއްވަރެވެ.
ރޭގެ ނަތީޖާއާ އެކު އެއްވަނާގައި އޮތް އޭސީ މިލާނަށް ވަނީ ކުޅުނު 10 މެޗުން 26 ޕޮއިންޓް ލިބިފައެވެ. 21 ޕޮއިންޓާ އެކު ދެވަނާގައި އިންޓަރ މިލާން އޮތްއިރު ތިންވަނާގައި 20 ޕޮއިންޓާއެކު އޮތީ ނަޕޯލީ އެވެ. ޔުވެންޓަސް އަށްވެސް 20 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ.