ބޮޑު ކެމްޕެއިނޭއް ކޮށްގެން ހޯދި އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ގެއްލިއްޖެ

ބޮޑު ކެމްޕެއިނޭއް ކޮށްގެން ހޯދި އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ގެއްލިއްޖެ

Author
އިބްރާހީމް ސާޢިދު
07 ޑިސެމްބަރ 2020 08:33
0

ރާއްޖެ އަށް 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވެން ނެތުމުން، އެ ފުރުސަތު މަޑަގަސްކަރަ އަށް ދޭން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުން ނިންމައިފިއެވެ.

މަޑަގަސްކަރަ އިން 2023 ގައި ބާއްވަން ބޭނުންވެފަ އޮތުމުން 2025 އަށް ފަސްކޮށްފި ނަމަ ގޭމްސްއެއް ނެތި ހަ އަހަރު ވާނެތީ، ގިނަ ގައުމުތަކަށް ފެނުނީ 2023 ގައި ބާއްވަން ނިންމައި މަޑަގަސްކަރަ އަށް ފުރުސަތު ދޭށެވެ. ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކެމްޕެއިންކޮށްގެން މިދިޔަ އަހަރު ހޯދި އެ ފުރުސަތުގެ ބޭނުން ރާއްޖެ އަށް މި ވަގުތު ހިފެން ނެތީ ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިކަމާ ހެދިއެވެ. އެހެންވެ ރާއްޖޭން ހުށަހެޅީ ގޭމްސް 2025 ވަނަ އަހަރަށް ފަސްކުރާށެވެ.

ރާއްޖޭން ދެން އެދުނީ ކުރިއަށް ވުރެ މުއްދަތު އަވަހަށް 2025 ގައި ގޭމްސްއެއް ބާއްވަން ނިންމައި ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ދޭށެވެ. އެގޮތަށް ވާން ނެތް ނަމަ އާއްމު އުސޫލުން 2027 ގައި ބާއްވާ ގޭމްސް ހޯސްޓްކުރުމުގެ ފުރުސަތު ހޯދަން ވެސް ރާއްޖޭން ވަކާލާތުކުރިއެވެ. ރޭ ބޭއްވީ 2023 ގެ ގޭމްސްއާ ބެހޭ ބައްދަލުވުމަކަށް ވާތީ ރާއްޖޭގެ ހުށަހެޅުންތަކާ މެދު ގޮތެއް ނުނިންމައެވެ. އެކަމާ ވާހަކަ ދައްކާނީ ފެބްރުއަރީ 14 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައެވެ.

ރޭ ބޭއްވި 2023 ގެ ގޭމްސްއާ ބެހޭ ބައްދަލުވުމަކަށް ވާތީ ރާއްޖޭގެ ހުށަހެޅުންތަކާ މެދު ގޮތެއް ނުނިންމައެވެ. އެކަމާ ވާހަކަ ދައްކާނީ ފެބްރުއަރީ 14 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައެވެ.

ކޮވިޑުގެ އުނދަގޫ ހާލަތުގެ ތެެރެއިން 2023 ވަނަ އަހަރު ރާއްޖޭގައި ގޭމްސް ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.