މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދޭކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަންނަވައިގެން މަޖިލިސް އިދާރާއިން ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.
މަޖިލިސް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މަޖިލިސް އިދާރާއިން މައްސަލަ ޕޮލިހަށް ހުށަހަޅާފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދެމުންދާކަމަށް ބުނެއެވެ.
ނަޝީދު ވިދާޅުވެގެން މަޖިލިސް އިދާރާއިން ޕޮލިހަށް ރިޝްވަތުގެ މައްސަލަ ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ޑިމޮކްރެޓްސް ޕާޓީގައި އުޅުއްވުމަށްފަހު ވިސްނުން ބަދަލުކޮށް އަލުން އެމްޑީޕީއާއި ގުޅުމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސާލިހަށް ފާޑު ވިދާޅުވެފައެވެ.
ކުރިން ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރަމުން އައި، މެމްބަރު ޝިޔާން ޑިމޮކްރެޓްސް ދޫކޮށް އެލުން އެމްޑީޕީއަށް ސޮއިކުރި ކުރުމަށް އިޝާރާތްކޮށް، ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ތުހުމަތު ކޮށްފައިވަނީ، އެމްޑީޕީ ދޫކުރި ބައެއް މެމްބަރުން އަލުން އެމްޑީޕީއާއި ގުޅެމުން ދަނީ ރިޝްވަތު ނަގައިގެން ކަމުގައެވެ. އަދި އެއީ ދައުލަތުގެ ފައިސާއިން ކަމަށްވެސް ނަޝީދު ތުހުމަތު ކޮށްފައި ވެއެވެ.
ނަޝީދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ދައުލަތުގެ ފައިސާއިން ރިޝްވަތު ދީގެން މެމްބަރުން ގެންދިއުމުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި، އެކަމުން ރައީސް ސާލިހަށް ވާނީ ގެއްލުން ކަމުގައެވެ.
Raees @ibusolih thiya gendhavanee ladhehnethi, birehnethi dhaulath ge faisaa beynun kuravvaigen Majlis menbarunaai ehenves meehunnah rishwath dhevvamun. Thiyakamun vaane molheh nuonnaane. Vaanee manikfaanu faleehaiy
— Mohamed Nasheed (@MohamedNasheed) August 26, 2023
މެމްބަރު ޝިޔާންއަކީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެކެވެ. އޭނާ ވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް މެމްބަރުންގެ ތެރޭގައެވެ. މި ފަހަކާ ޖެހެންދެން ވެސް ޝިޔާން ހުންނެވީ ނަޝީދާއެކުގައެވެ. އެކަމަކު، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުން ޝިޔާން ނުފެންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ޝިޔާން އެމްޑީޕީ އަށް ސޮއިކުރެއްވި އިރު، ދަ ޑިމޮކްރެޓްސްއާ އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި އެހެން ހުރިހާ މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ