ޑރ. ޝަހީމް މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފި

ޑރ. ޝަހީމް މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފި

Author
ހުސެއިން
25 އޮގަސްޓް 2023 02:35
0

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް، އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމެވިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓުގައި ޝަހީމް ވިދާޅުވެފައިވަނީ "އެކުވެރި" މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުމުގެ ތަފްސީލުތައް ފަހުން ހާމަ ކުރައްވާނެ ކަމުގައެވެ.

މިކަމުގެ ތަފްސީލު ފަހުން ހާމަ ކުރާނަން.

ޝަހީމް ވިދާޅުވެފައި ވެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނު މިހާރު ފޯރީގައި ކުރިޔަށް ދާއިރު، މިހާތަނަށް ޝަހީމު އެއްވެސް ފަރާތަކަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެއް ނުވެއެވެ. އަދި ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ނިންމެވުންތަކެއް ހާމަކުރައްވާނެކަމަށް މީގެ ކުރިން ޝަހީމް ވިދާޅުވިނަމަވެސް، އޭނާގެ ނިންމެވުން މީގެކުރިން ހާމަ ކުރައްވާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑރ. މުއިއްޒު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިދިކޮޅު ކެނޑިޑޭޓުގެ ގޮތުގައި، ރައީސް ޔާމިންގެ ތާއީދާއެކު ޑރ. މުއިއްޒު މިހާރު ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރިއާއެކު ކުރިޔަށް ގެންދަވަމުންނެވެ. މިގޮތުން ޑރ. މުއިއްޒު މިހާރު ގެންދަވަނީ އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރައްވާ، މެނިފެސްޓޯގެ ވައުދުތައް ހާމަ ކުރައްވަމުންނެވެ.

2023 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ވާދަވެރިކަމާއިއެކު މުޅި ރާއްޖޭގައި ކެމްޕޭން ކުރާތަން ފެންނަނީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ދެޕާޓީ އެމްޑީޕީއާއި، ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއިންނެވެ. ދެން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ކެމްޕޭން ހަރަކާތްތައް ފެންނަނީ ތަންކޮޅެއް މަދުންނެވެ. އިންތިޚާބުގެ ކެމްޕޭން މިހާތަނަށް އައިއިރު ސަޕޯޓް ބޮޑު ދެޕާޓީގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑު ވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ޑރ. މުއިއްޒު ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.

ރިޔާސީ ރޭހުން އެންމެ ފަހުވަގުތު ވާދަކުރެއްވުމުގެ ފުސަތު ލިބި ކެމްޕޭން ކުރުމަށް ކުޑަ ދުވަސްކޮޅެއް ލިބުނު ނަމަވެސް ޑރ.މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށަށް ވަޑައިގެންނެވުންކަމަށް އޭނާގެ ކެމްޕޭނުން ހާމަކޮށްފައި ވެއެވެ. ކެމްޕޭނަށް ނިކުންނަވާ މުއިއްޒު ފުރަތަމަވެސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައި ނުގެންނެވުނު ނަމަވެސް ކޮންމެ ރަށަކަށް ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވަޑައިގެން ހުރި މައްސަލަތައް އޮޅުން ފިލުގައި މައްސަލަތަކަށް ހައްލު ގެނެސްދޭނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

و و
ސަހީމުއާ އަނާރާގެ ތާއީދު ލިބުންވާނީ ލެއްވިރަހުމަތެއްކަމުގާ انشاالله