މަސްތުވާތަކެތީގެ ދައުވާތަކުން ޕެސްޓު ސަލާމަތްވެއްޖެ

މަސްތުވާތަކެތީގެ ދައުވާތަކުން ޕެސްޓު ސަލާމަތްވެއްޖެ

ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ކުރާ މަސްތުވާތަކެތީގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ޕެސްޓުގެ މައްޗަށް އުފުލާފައި ވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ.

ޕެސްޓުގެ އިތުރުން އެ މައްސަލައިގައި ދެން ދައުވާކޮށްފައިވާ ލ. ގަން، ތުނޑި، އަބަދަށްއުފާ މުހައްމަދު ސުއިއަދުގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ.

އޭގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ދައުވާ ވެސް އުފުލިއެވެ. ކުށް ކޮށްގެން ހޯދާފައިވާ ފައިސާގެ ދައުވާ އެ ދެ މީހުންގެ އިތުރުން ލ. ގަން، ތުނޑި ހަނދުވަރީހިޔާ އަހުމަދު ޝަމްއޫންގެ މައްޗަށް ވެސް ކުރެއެވެ.

މި މައްސަލައިގައި ކުރި ދައުވާތައް:

– އިސްމާއިލް އިފްހާމް (ޕެސްޓް): ކެނަބިސް ޓްރެފިކް ކުރުމުގެ ދެ ދައުވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދެ ދައުވާ، ޖަދުވަލު އެކެއްގައިވާ – މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދެ ދައުވާ އަދި ކުށްކޮށްގެން ހޯދާ ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމުގެ ދައުވާ
– މުހައްމަދު ސުއައިދު: ކެނަބިސް ޓްރެފިކް ކުރުމުގެ ދެ ދައުވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދެ ދައުވާ، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދެ ދައުވާ އަދި ކުށްކޮށްގެން ހޯދާ ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމުގެ ދައުވާ
– އަހުމަދު ޝަމްއޫން: ކުށްކޮށްގެން ހޯދާ ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމުގެ ދައުވާ
– އަހުމަދު ހުސާމް: ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ

މި މައްސަލާގައި، ފުލުހުން ހޯދި ކެނަބިސްގެ ޖުމްލަ ބަރުދަން އެއް ކިލޯއަށް ވުރެ ގިނަ އެވެ. އޭޭގެ އިތުރުން ޕެސްޓާއި ސުއައިދު ބޯޓަކަށް އެރުވި ކަމަށް ބުނާ ފަންކާއެއްގެ ތެރޭގައި ރަބަރު ޕެކެޓަކަށް އެހެން ރަބަރު ޕެކެއްޓެއް ލައި ފޮރުވާފައި ހުރި 242 ގްރާމުގެ ކެނަބިސް ފެނިފައިވެއެވެ.

ދައުވާތައް ސާބިތުވި ނަމަ އުމުރަށް ޖަލަށްލުމާ އެކު 100،000 އިން ފެށިގެން 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ހުކުމެއް އަންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *