ރަޝިއާ ސަރުކާރުގެ ކުލީ ސިފައިންގެ ޖަމާއަތް، ވަގްނަރ ގުރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޮޒިން ދަތުރުކުރަމުންދިޔަ ޖެޓް ވެއްޓި އޭނާ މަރުވެއްޖެއެވެ.
ރަޝިއާގެ މުވައްސަސާތަކުން ބުނެފައިވަނީ، މި ހާދިސާގައި ޕްރިގޮޒިންއާއިއެކު ޕްރައިވެޓް ޖެޓްގައި ދަތުރުކުރަމުންދިޔަ 10 މީހުންވެސް މަރުވެފައިވާކަމުގައެވެ. އެމީހުންގެ ތެރޭގައި ޕްރިގޮޒިންގެ އިތުރުން އޭނާގެ އެންމެ އަރިސް ޑިމިޓްރީ އުޓްކިންވެސް ހިމެނޭކަމަށް ރަޝިއާގެ ރަސްމީ އިދާރާތަކުން ބުނެފައި ވެއެވެ.
މި ޖެޓް ވެއްޓުނު ގޮތާއި ގުޅޭގޮތުން އެކި ފަރާތްތަކުން އެކި ގޮތަށް ވާހަކަ ދައްކަމުންދާއިރު، ރަޝިއާގެ ރަސްމީ އިދާރާތަކުން ބުނެފައިވަނީ މިހާރު ޚާއްސަ ތަހުގީގެއް ލޯންޗު ކޮށްފައިވާކަމުގައެވެ.
ރަޝިއާއިން ޔޫކުރެއިންގައި ކުރަމުންދިޔަ ހަނގުރާމާގައި ރަޝިއާއަށް އެހީތެރިވެދެމުންދިޔަ ޕްރިގޮޒިން ވަނީ ރަޝިއާގެ އަސްކަރިއްޔާއާއި ޚިޔާލު ތަފާތުވެ ފާއިތުވި ޖޫންމަހުން ފެށިގެން ޔޫކުރެއިންގައި ހަނގުރާމަކުރުން ހުއްޓާލާފައެވެ.
އެއަށްފަހު، ޕްރިގޮޒިންގެ އަސްކަރިއްޔާއިން ވަނީ، ރަޝިއާގެ އަސްކަރިއްޔާގައި ތިބި ބައެއް ވެރިންނާއި ދެކޮޅަށް ހަތިޔާރު އުފުލާފައެވެ. އެހެންނަމަވެސް، ފަހުން ޕްރިގޮޒިންގެ އަސްކަރީ ޖަމާއަތުން ވަނީ ހަތިޔާރު ބަހައްޓާ، އެ ޖަމާއަތުގެ ސިފައިން އަވައްޓެރި ބެލަރޫސްއަށް ބަދަލުކުރާގޮތަށް އެއްބަސް ވެފައެވެ.
ޕްރިގޮޒިންގެ އަސްކަރީ ޖަމާއަތުން ގެންނަން މަސައްކަތް ކޮށްފައިވަނީ އަސްކަރީ ބަޢާވާތެއްގެ ގޮތުގައި ރަޝިއާގެ ސަރުކާރުން ތުހުމަތު ކޮށްފައިވެއެވެ. އެއަށްފަހު ޕްރިގޮޒިން އުޅުއްވާފައިވަނީ އެހާބޮޑަށް މީޑިއާތަކަށް އާންމު ވެގެނެއް ނޫނެވެ. އެހެންނަމަވެސް ފާއިތުވި ހަފްތާގައި ވީޑިއޯ މެދުވެރިކޮށް އޭނާ ވާހަކަ ދައްކާފައި ވެއެވެ. އޭރު އޭނާ ވިދާޅުވީ އޭނާ ހުންނެވީ އެފްރިކާގެ ހިސާބެއްގައި ކަމުގައެވެ.
ޕްރިގޮޒިން ވަގްނަރ ގުރޫޕު އުފައްދާފައިވަނީ 2014 ވަނަ އަަހަރުއެވެ. އެއަށްފަހު އޭނާވަނީ އެޖަމާއަތް ފުޅާކޮށް، އޭނާގެ ސިފައިން ހުޅަނގު އެފްރިކާގެ ގިނަ ގައުމުތަކެއް ހިމެނޭހެން، ދުނިޔޭގެ 7 ގައުމެއްގައި ހަނގުރާމަ ކުރުމަށް ފޮނުވާފައެވެ. އަދި އޭނާ ބެލެވިފައިވަނީ ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.
އެހެންނަމަވެސް، ޔޫކުރެއިން ހަނގުރާމާގައި، ރަޝިއާގެ އަސްކަރިއްޔާއާއި ޚިޔާލުތަފާތުވެ، އޭނާގެ ސިފައިން ޔޫކުރެއިން އިން ބާލާ، އަދި ރަޝިއާއާއި ދެކޮޅަށް އޭނާ ބަޢާވާތެއް ގެނައުމަށް ތުހުމަތު ކުރެވުނު ހިސާބުން، ޕުޓިން ދެން އޭނާއަށް މާފް ނުކުރާނެކަމަށް މަސްރަހު ދިރާސާކުރާ ގިނަ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.
ދަތުރު ކުރަމުންދިޔަ ޖެޓް ވެއްޓި ޕްރިގޮޒިން މަރުވި ހާދިސާއާއި ގުޅޭގޮތުން ރަޝިއާއިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.