އިންޑިއާއިން ހަނދަށް ދިއުމަކީ ރާއްޖެވެސް ފަޚުރުވެރިވާކަމެއް: ރައީސް

އިންޑިއާއިން ހަނދަށް ދިއުމަކީ ރާއްޖެވެސް ފަޚުރުވެރިވާކަމެއް: ރައީސް

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2023 09:34
0

އަވަށްޓެރި އިންޑިއާގެ ޗަންދްރަޔާން-3 މިއަދު ކާމިޔާބުކަމާ އެކު ހަނދަށް ތިރިކޮށް ޖައްވީ ބޮޑު ބާރެއްގެ ޝަރަފް ހޯދުމަކީ ރާއްޖެއަށްވެސް ލިބިގެންދިިޔަ ފަޚުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަނުން ލަފާކުރި ގޮތަށް، މީގެ ކުރިން ދިރާސާތައް ކޮށްފައިނުވާ، ހަނދުގެ ދެކުނު ތަނޑިއަށް ޖައްވީ އުޅަނދު ތިރިކުރީ ރާއްޖޭ ގަޑިން ހަވީރު 5:34 ގައެވެ.

އިންޑިއާއިން މިހޯދި ކާމިޔާބީއާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި، އިންޑިއާގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި މަރުޚަބާއާއި ތަހުނިޔާ ފޮނުވާފައެވެ. ރައީސް ވިދާޅުވީ އިންޑިއާއިން ހަނދަށް ދިއުމަކީ އެކަމުގެ ސަބަބުން އިންސާނީ ކުރިއެރުމާއި ސައިންޓިފިކް ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމެއްކަމަށެވެ. އަދި އެ ކާމިޔާބީއަށް އިންޑިއާގެ ބޮޑުވަޒީރަށް ވަނީ މަރުހަބާ ދަންނަވާކަމަށް ރައީސް ވިދާޅުވިއެ.

މިއާ އެކު އިންޑިއާއަށް ވަނީ ރަޝިޔާ، އެމެރިކާ އަދި ޗައިނާއަށް ފަހު ހަނދަށް އުޅަނދެއް ފޮނުވި ގައުމުގެ ޝަރަފް ލިބިފައެވެ. އަދި އެންމެ ބޮޑު ޝަރަފަކީ ހަނދުގައި ގަނޑުފެން ހުރި ކަމަށް ބެލެވޭ ދެކުނު ތަނޑިއަށް ފުރަތަމަ ފަހަރަށް އުޅަނދެއް ފޮނުވި ގައުމަކަށް އިންޑިއާ ވުމެވެ.

އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދަކީ، މިފަދަ މިޝަންތަކަށް އާންމުކޮށް ކުރާ ހޭދަޔާ އަޅާބަލާއިރު އެތައް ގުނައެއް އަގު ހެޔޮކޮށް ކޮށްފައިވާ މަސައްކަތެކެވެ. މިއީ އެކަމާ އިންޑިއާ އިތުރަށް ފަހުރުވެރިވާ ކަމެކެވެ. ހަނދުގައި ގަނޑުފެން ހުރިކަން ކަށަވަރުކުރެވި އޭގެ ބޭނުން ކުރެވޭނެ ގޮތެއް ހޯދިއްޖެ ނަމަ އެއީ އިންސާނުން ހަނދަށް ދިއުމަށާއި ޖައްވީ އުޅަނދުތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ބޭނުންކުރެވޭނެ އެއްޗަކަށް ވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.