މިއުޒިކީ ދުނިޔޭގައި އައިކޮންއެއްގެ ގޮތުގައި ގިނަ ބައެއްގެ މެދުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އާއި ފިރިމީހާ ސާމް އަސްގަރީ ވަރިވާން ނިންމައިފި އެވެ.
މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކައިވެނިކުރިތާ 14 މަސް ދުވަސް ފަހުން އެދެމީހުން ވަރިވާން މިހާރު ވަނީ ނިންމައިފައިއެވެ. އަދި ކައިވެނި ނިމުމަކަށް ގެނައުމަށް ވަރަށް އަވަހަށް ކޯޓަށް ހުށައަޅާނެ ކަމަށް ވެސް އިރާން ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސާމް ވަނީ ބުނެފައިއެވެ.
އެމީހުންގެ ކައިވެނި ރޫޅަލުމަށް އޭނާ ނިންމީ ބްރިޓްނީ އެހެން މީހަކާ ނަހަމަ ގުޅުމެއް ބޭއްވިކަން ފަޅާ އެރުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް، އެއީ ތެދެއް ކަމެއް އަދި ކަށަވަރު ނުވެ އެވެ. އޭނަ ބުނީ ބްރިޓްނީއާ ވަރިވި ނަމަވެސް ދެ މީހުންގެ މެދުގައި އަބަދު ވެސް ގާތް އެކުވެރިކަން އޮންނާނެ ކަަމަށެވެ.
ހަ އަހަރު ވަންދެން ރައްޓެހިގެން އުޅުމަށް ފަހު ސާމް، 29، އާއި ބްރިޓްނީ، 41، ކައިވެނިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު އެވެ. ކައިވެނީގެ ކުރިން ސާމްގެ ދަރިއަކަށް ބްރިޓްނީ ބަލިވެއިންނެވެ. ނަމަވެސް، އެ ކުއްޖާ ބައިގެންދިޔައީ އެވެ.
މީގެ ކުރިން ބްރިޓްނީ ދެ ކައިވެންޏެއް ކުރި އެވެ. ދެވަނައަށް އިން މީހާއަށް އޭނާގެ ދެ ކުދިން ތިބެ އެވެ. އޭނަގެ ދަރިންގެ ބައްޕަ އަކީ ކެވިން ފެޑަލިން އެވެ. އެ ކައިވެންޏަށް ލިބުނު ޝޯން ޕްރެސްޓަން ފެޑަލީން، 17، އާއި ޖޭޑެން ޖޭމްސް ފެޑެލީން، 16، އެވެ. ކެވިން އާއި ބްރިޓްނީ 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ.
ކޮމެންޓު ފޮނުވާ