އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، ވ. ކެޔޮދޫއަށާއި ވ. ތިނަދު އަށް ވައުދުތަކެއް ވެވަޑައިގެންފިއެވެ.
ވ. އަތޮޅުގެ ރަށްތަކަށް މުއިއްޒު ފެއްޓެވި ދަތުރުގައި ކެޔޮދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ އެ ރަށުގެ ފަޅު ތެރެއިން ހިއްކެން އޮތް ވަރެއް ބަލާފައި، ކެޔޮދޫ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، ބިން ހިއްކުމާއި ގެދޮރު ބިނާ ކުރުމާއި ޒުވާނުންނަށް ފުރުސަތު އޮންނާނީ ރަށުގައި ޖާގަ އިތުރު ކުރެވިގެންނެވެ.
އެހެންވެ، ލޭންޑް ޔޫސް ޕްލޭން ހަދައިގެން ކެޔޮދޫ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށް ދެއްވާނެ ކަމަށް ވެސް މާލެ ސިޓީގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ. ރަށް ގިރުމާއި ކުނި މެނޭޖް ކުރުމަކީ ވެވަޑައިގަންނަވަން ބޭނުން ނުވާ ވައުދެއް ކަމަށާއި އެއީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ އާބާދީ ގޮތުން ކުޑަވެގެން ނުވަތަ ތޮއްޖެހިގެންނޭ ކިއާފައި ރައްޔިތުންނަށް ފުރުސަތުތައް ހޯދައި ނުދިނުމަކީ އަދުލުވެރި ވެރިކަމެއްގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ.
މުއިއްޒު ތިނަދު އަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލަ އާއި ކުނި މެނޭޖް ކުރުމުގެ މައްސަލަ ހައްލު ކުރުން ހިމެނެއެވެ. އަދި އިގްތިސާދީ މަސައްކަތް ކުރުމަށް ލަފާ ފުރުމުގެ ދަތިކަން ހައްލުކޮށް ދިނުމަކީ ވެސް އޭނާގެ ވެރިކަމެއްގައި ސަމާލުކަން ދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.